ނަފްރަތުގެ އުފެއްދުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއިދުނުކުރާކަން ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރްއެމުން މިއަދު ބުނެފައިވަނީ ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން މިދިޔަ މެއިމަހުގެ ފަހުކޮޅު ހުށަހެޅި އިސްލާހަށް ތާއިދުނުކުރަން އެމްއާރުއެމްގެ އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ. އެއާއެކު، އެ ބިލުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރަން ނިންމާފައިވާ ކަމަށްވެސް، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ބުނެފައިވެއެވެެ.

މީގެ ކުރިން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީއާއި ޖުމުހޫރީ ޕާޓީން ވެސް ވަނީ އެބިލަށް ތާއިދު ނުކުރާކަން ހާމަކޮށްފައެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނަފުރަތުގެ ބިލް ދިރާސާކުރިއިރު ބައެއް ބަދަލުތައް ގެންނަން ވަނީ ނިއްމާފައެވެ. އެހެން ނަމަވެސް އެބަދަލުތަކާއެކު ބިލް ކުރިއަށްވުރެ ގޯސްވެފައިވާ ކަމަށް ވިދާޅުވެ ބައެއް ދީނީ އިލްމްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިލަށް އަމާޒުވި ފާޑުކިޔުންތަކާއެކު މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުތައްދުވުމުން ކާފަރެކޭ ބުންޏަސް ކުށަކަށް ނުވާގޮތަށް ބިލަށް މިހާރު ވަނީ ބަދަލުގެނެސްފައެވެެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް މީގެ ކުރިން މަޖިލީހަށް ހުށައަޅާފައެވެ.

އެޗްއާރުސީއެމުން އެދިފައިވަނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ލިބުމާއި ފެތުރުމުގެ ހައްގު ކަށަވަރުކޮށްދޭ ގޮތަށް ބިލު އިސްލާހުކުރުމަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތައް ނަފުރަތުގެ ބިލުގައި ހިމެނުމަށް މަޖިލީހަށް ލަފާ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން