އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް ރައްޔިތުން މަޖިލީހުގެ ޖޮންއިންޓް ކޮމިޓީގައި ތިއްބަވާ އެމްޑީޕީ މެމްބަރުންގެ ނުފޫޒު ފޯރަވަމުންދާކަމަށް އެމައްސަލައިގައި ވަޒީފާގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، އެމްޑީޕީން އޭނާއަށް ދެރަގޮތެއް ހަދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަހުލޫފް ވިދާޅުވީ އެމައްސަލައިގައި ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން ބެސްޓް ޕްރެޓިކްސްއާއި އެއްގޮތަކަށް އިސްތިއުފާ ނުދެއްވީ އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމަކަށްވާތީ ކަމަށެވެ.

ޚިޔާނާތުގެ އެމައްސަލައިގައި ޕީޖީ ދައުވާ ކުރަން ފޮނުވާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި، އިސްތިއުފާ ދެއްވުމަށްފަހު ވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް މަހުލޫފް ވިދާޅުވިއެެވެ. މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާގެ މައްޗަށް ކުރަން ފޮނުވާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. މަހުލޫފް ވިދާޅުވީ، އޭނާއަކީ އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއްވި ބޭފުޅެއް ކަމަށާއި، އޭނާއަށް އެވަރުގެ ބޮޑު ލަނޑެއް ދޭންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އޭނާއަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލަންވީ ކަމަށާއި، އެހެން ނަމަވެސް ދެއަހަރާއި ބައިވިއިރު ހަމައެކަނި އޮތީ އޭނާގެ މައްސަލަ އެކަނިތޯ މަހުލޫފް ވަނީ ސުވާލު ކުރައްވާފައެވެ.

"އެއްވެސް އެއްޗެއްް ނެތި ސިޔާސީ ބަޔަކު ބުނެގެން ހަމަ އަޅުގަނޑު ގައިގައި ދޭތެރެއަކުން އެތިފަހަރެއް ޖަހަނީ. އެއީ މިކުރާ ކަމަކީ. އެއީ ހަމައެކަނި އަޅުގަނޑަށް މީގެ ކަމުނުދާ ކަމަކީ." މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާއި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކޯޅުންތަކާއި ގުޅުމެއްވާ ކަމަަށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް ރައްޔިތުން މަޖިލީހުގެ ޖޮއިންޓް ކޮމިޓީގައި ތިއްބަވާ އެމްޑީޕީ މެމްބަރުންގެ ނުފޫޒު އެކަމަށް ފޯރަވަމުންދާކަން މަޚުލޫފް ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ދައުވާ އިތުރަށް ފުރިހަމަ ކުރަން ޕީޖީން އޭސީސީއަށް އެންގުމުން ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ވަނީ އަލުން ފޮނުވާފައެވެ. ޕީޖީއިން މިހާރު ދަނީ އެމައްސަލަ ދިރާސާ ކުރަމުންނެވެެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އެއިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން