މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 357 މައްސަލައެއް ބަލާ ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކޯޓަށް ހުށަހަޅާފައިވަނީ 354 މައްސަލައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ 117 މައްސަލަ ކޯޓަށް ބަލައިގެންފައި ނުވާއިރު، މި މުއްދަތުގެ ތެރޭގައި ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކޮށްފައިވަނީ 240 މައްސަލަކަމަށް ހައިކޯޓުން ބުނެއެވެ.

ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަދަނީ މައްސަލަތަކެވެ. އެގޮތުން 81 މަދަނީ މައްސަލަ ރަޖިސްޓްރީ ކޮށްފައިވާއިރު، ޖިނާޢީ މައްސަލަތަކުގެ ގޮތުގައި 73 މައްސަލައެއް ވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.

ހައިކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކޯޓުންވަނީ ކުރިން ހުށައަޅާފައިވާ މައްސަލަތައްވެސް ހިމެނޭހެން ޖުމްލަ 357 މައްސަލަ ބަލައި ނިންމާފައެވެ.



ހައިކޯޓުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެންމެގިނަ މައްސަލަތައް ނިންމާފައިވަނީ މާޗްމަހުގެ ތެރޭގައެވެ. އެމަހު 100 މައްސަލަ ނިންމާފައިވާއިރު، ދެން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.

ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެކޯޓުން އެންމެ ގިނައިން ނިންމާފައިވަނީ މަދަނީ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 178 މަދަނީ މައްސަލަ ނިންމާފައިވާއިރު، ޖިނާޢީ 110 މައްސަަލައެއްވެސް 6 މަސްދުވަހުގެ ތެރޭގައި ނިންމާފައިވެއެވެ. ތިން ވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކޯޓުތަކުގައި ޝަރީޢަތްތައް ބާއްވަން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށް، މިއަހަރު ފެށުމާއެކު މައްސަލަތައް ކުރިއަށްގެންދިޔަ ނަމަވެސް އޭޕްރީލް މަހުގެ ފަހުކޮޅުންފެށިގެން ކޯވިޑްގެ ނުރައްކާބޮޑުވެ އެޅި ހަރުކަށި ފިޔަވަޅުތަކާއެކުވެސް އެކޯޓުން ޝަރީއަތްތައް ކުރިއަށްގެންދިޔައީ މުޅިންވެސް އޮންލައިންކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން