09 ވަނަ އެޕިސޯޑް

==========

[މިހާރު މިގެއަށް ހަދާފައިވާ ސިހުރުތައް ވަނީ ބޮޑު ބައެއް ބާޠިލް ކުރެވިފައި. ސީދާ ނާޒިމާއަށް ފަންޑިތަ ހަދަން ފެށޭނީ ކުރިއަށް އޮތް 21 ދުވަސްތެރޭ އަހަރެން މިކުރާ މަސައްކަތުން މިގޭދޮށަށް ކޮށްފައިވާ ބޮޑެތި ފަންޑިތަތައް ބާޠިލް ކުރެވިގެން. ދެމަހެއްހާ ދުވަސް މިމަސައްކަތުގައި ދިގު ދެމިގެން ދިޔަޔަސް، އެއަށްވުރެން ކުރިން ނާޒިމާ ޙަރަކާތް ކުރަން ފަށާނެ.] އަލިތައްޚާނު ބުންޏެވެ. އެއަޑު އަހަން އެގޭގައި ގެންގުޅޭ ޝާޢިރާގެ ވަފާތެރި މަސައްކަތްތެރިޔާ އިދުރީސް ހުއްޓެވެ. އެއަޑު އިވުމާއެކު، އޭނާ ޝާޢިރާއަށް ގުޅާފައި ނާޒިމާގެ މިހާރުގެ ޙާލަތު ކިޔައިދިނެވެ. މަސައްކަތަށް ދެމަހެއްހާ ދުވަސް ހޭދަވާނޭ ކަމަށް ބުނީމާ، އޭނައަށް ކޮންމެވެސްވަރެއްގެ އަލިމަގެއް ފެނުނެވެ. އޭނާ އުއްމީދު ކުރަނީ އޭނާގެ ދަރިފުޅު ނާއިޝް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން، އޭނައަށް މުސްތަޤްބަލް އޭނައަށް މިހާރު ފެންނަމުންދާގޮތް ބަދަލުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެފަދަ ފުރްޞަތެއް މިހާރު ނާއިލް ދީފާނެތޯ އެއީވެސް އުފެދޭނެ ސުވާލެކެވެ. ކޮންމެހެންވެސް މިހާރު ނާޒިމާއަށް ޙަސަދަވެރިވާ ބަޔަކު އެގެއަށް ވަދެ އުޅޭކަން މުޅި ޢާއިލާއަށް ވަނީ އެނގި ސާބިތުވެފައެވެ. ނޭނގެނީ އެބަޔަކީ ކޮބައިކަމާއި، އެބައެއްގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިކަމެވެ.

[ދަރިފުޅާ، ނާޒިމާއަށް ވާހަކަ ދެއްކިއްޖެއްޔާ، މަންމަގެ ދުވަސްދާނެ.] ޝާޢިރާ ދެއަތަކަށް ބޯހޫރާލިއެވެ.

[އަހަންނަށް މިހާރު ހުރިހާ ކަމެއްވެސް އެބަ ވިސްނޭ. މަންމާ، އޭނައަށް ވާހަކަ ދެއްކުމުގެ ފުރްޞަތެއް އަހަރެން ނުދޭނަން.] ނާއިޝް މަންމަގެ އަތުގައި ހިފަހައްޓާލިއެވެ.

[ސާބަހޭ ދަރިފުޅާ...މަންމަ ވަރަށް އުފާވެއްޖެ. މިހާރު މައްސަލައަކީ ނަޝާ ކޮއްކޮ މަންމަމެނާ ޚިޔާލު ތަފާތުވާތީ....] ޝާޢިރާ ފޮއްޓަށް އަޅަންޖެހޭ ހުރިހާ ސާމާނުތަކެއް އެޅުމަށްފަހު ފޮށި ބަންދު ކުރިއެވެ. އެމީހުން ފުރަން ހަމަޖެހިފައިވަނީ އަދި ދެދުވަސް ފަހުންނެވެ. އޭގެކުރިން އެމީހުން ވަރަށް ބޮޑަށް މަސައްކަތް ކޮށްގެންވެސް ވަނީ ޖާގަ ލިބޭނެގޮތް ނުވެފައެވެ.

[މާދަމަޔަށް ޖާގަ ހަމަޖެހިއްޖެ. އަވަހަށް ހުރިހާ ކަމެއް ތައްޔާރު ކުރަމާ....ޢައިޝާއަށް ދޭން ޗޮކްލެޓްކޮޅެއް ގަނެފިންތަ؟] އިލްޔާސް އެއްސެވެ.

[ފްލައިޓުން ޗޮކްލެޓް ގަންނާނީ.] ޝާޢިރާ މިހެން ބުނީމާ، އެހެން ހުރިހާ މީހުންވެސް އެކަމަށް އިއްތިފާޤުވިއެވެ.

ޖެހިގެން އައި ދުވަހުގެ އިރުއޮއްސި އަނދިރިވަމުންދިޔަ ވަގުތެވެ. ނާޒިމާގެ ކޮޓަރިތެރޭގައި ހުރެގެން އަލިތައްޚާނު ފަންޑިތަ ހަދަމުން ދަނީއެވެ. އޭރު އޭނަޔާއެކު ކިޔެވެލި ކިޔެވުމަށާއި އަތް ގާތްކޮށްލަދޭން ހަތަރު ފަސް މީހަކު ތިއްބެވެ. އޭގެ އިތުރުން ނާއިލާއި އޭނާގެ ރަޙްމަތްތެރިޔާ ސިޔާދުގެ އިތުރުން ޒޭނާވެސް ހުއްޓެވެ.

އެވަގުތު އަލިތައްޚާނު މަސައްކަތް ކުރަމުން ދަނީ ނާޒިމާގެ ޙަރަކާތް ގެނެވޭތޯއެވެ.

[ނާޒިމާ ބުނެބަލަ، މިވަގުތު މިތާނގައި އެބަހުރިތަ ނާޒިމާއަށް ތިޙާލު ޖައްސަން މަސައްކަތްކުރާ މީހާ. ޖަވާބުދޭން މަސައްކަތް ކުރޭ ނާޒިމާ.] ޢަލިތައްޚާނު އެދުނެވެ. އެވަގުތު ނާޒިމާ ވަރަށް މަސައްކަތުން އޭނާގެ އަތް އުފުލައި އެކޮޓަރިއަށް ވަންނަ ދޮރާ ދިމާއަށް ދިއްކުރިއެވެ. އެއީ އިލާޔާސާއި ޝާޢިރާ އަދި އޭނާގެ ދެކުދިން އެކޮޓަރިއަށް ވަން ވަގުތެވެ. އެންމެ ކުރީގައި ހުރީ އިލްޔާސެވެ. އިލްޔާސް ދެލޯ ބޮޑުކޮށްގެން ހުރެ އެއްފަރާތަށް ޖެހިލިއެވެ. އޭރުވެސް ނާޒިމާ އަތް ތިރިއެއް ނުކުރެއެވެ. މިހާރު ނާޒިމާގެ އަތް ދިއްކުރެވިފައި ވަނީ ޝާޢިރާއާ ދިމާއަށެވެ. ޝާޢިރާ އިރުކޮޅެއް ވަންދެން ދެލޯ ބޮޑުކޮށްގެންހުރެ ދެއަތަކަށް ބޯހޫރާލިއެވެ. މިހާރު ޝާޢިރާ އެހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ދެން ފެނުނީ ނާޒިމާ ޚަބަރު ހުސްވިތަނެވެ. ޚަބަރު ހުސްވެގެން ނާޒިމާ އެނދުމައްޗަށް ވެއްޓުނުއިރުވެސް އަތް ތިރިއެއް ނުކުރެއެވެ.

އެހެން ނަމަވެސް، ނާޒިމާގެ އެ އިޝާރާތުން އަލިތައްޚާނުމެނަކަށް އެއްވެސް ކަމެއް އެނގޭވަރެއް ނުވިއެވެ. އޭނާގެ އިޝާރަތަކީ އިލްޔާސް ނޫނީ ޝާޢިރާއަށް އަމާޒުކޮށް ކުރި އިޝާރާތެއް ކަމަށް ޤަބޫލު ކުރެވޭނޭ ގޮތެއްވެސް އަދި ނެތެވެ.

[މަންމާ.........މަންމައަށް ކިހިނެއްބާ މިވީ؟] ކުއްލިއަކަށް މަންމަގެ ޚަބަރު ހުސްވުމުން ނާއިލް މަންމައަށް ގޮވަން ފެށިއެވެ. އޭނައަކީވެސް ޑޮކްޓަރަކަށްވުމުން، އޭނާ ވަގުތުން މަންމައަށް ފަރުވާދޭން ފެށިއެވެ. ނަމަވެސް، އެވަގުތު އަލިތައްޚާނު ބުނީ އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށާއި، ދެން ހޭއަރާއިރު ވަރަށް ގިނަ ކަންތައް ހަމައަކަށް އެޅިގެންދާނެ ކަމަށެވެ. ވުމާއެކު، އޭނާ ފެން ތަށްޓެއް މަތުރާލަންދެން ނާއިލް މަޑުކުރިއެވެ. ނަމަވެސް، އޭނާ ފެންތަށި މެތުރުމަކުންވެސް ނާޒިމާ ހެއެއްނޭރިއެވެ. ވުމާއެކު، ޝާޢިރާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ އުއްމީދު ކުރަނީ އެއީ އޭނާގެ ކޮޅު މޮޅުވުމުގެ އިޝާރާތެއް ކަމަށެވެ.

[އަހަންނަށް ފެންނަނީ މަންމަ ހޮސްޕިޓަލަށް ގެންދަން. އަހަންނަކަށްވެސް ގޭގައި ބާއްވައިގެން އެކަށީގެންވާ ގޮތަށް ފަރުވާއެއްނުދެވޭނެ.] ނާއިލް އެމްބިއުލެންސާ ގުޅިއެވެ.

ނާއިލާއި އޭނާގެ ބައްޕަ އިލްޔާސް، ނާޒިމާ ގޮވައިގެން ދިޔައީ އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލަކީ ޑޮކްޓަރ ނާއިލްވެސް މިހާރު މަސައްކަތް ކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލެވެ. ވުމާއެކު މަންމަގެ ބޭސްފަރުވާގެ ކަންތައް ކުރިއަށް ދިޔައީ ސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ.

ނާޒިމާ ހޭއެރީ ހޮސްޕިޓަލުން ފަރުވާދޭތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. ހޭއެރުމާއެކު، އޭނާއަށް ވަށައިގެން ހޯދެން ފެށުނެވެ. ވެދާނެއެވެ. އޭނާ އެހޯދަނީ އޭނާގެ ދުޝްމަން މީހާ އެތަނުގައި ހުރިތޯއެވެ.

[ނާޒިމާ، ދެންވެސް މާބޮޑަށް ފިކުރު ނުކުރާތި. އެހާވަރަށް ފިކުރު ކުރަންޏާ ސިކުނޑިއަށް ބާރު ބޮޑުވާނެ.] އިލްޔާސް ނާޒިމާގެ ބޮލުގައި އަތް ކާއްތާލިއެވެ. އެރޭ ޑޮކްޓަރުން ލަފާ ދިނީ ނާޒިމާ އެތާނގައި އެނދުމަތި ކުރުމަށެވެ. ނަމަވެސް ނާއިލްގެ އެދުމުގެ މަތިން ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާ، ގޭގައި މަންމައަށް ދެވޭގޮތަށް އެރޭގެ އެގާރަޖަހާ އެހާކަންހާއިރު ނާޒިމާ ގެއަށް ދޫކޮށްލިއެވެ.

[ޒޭނާ...މަންމައަށް ވަރަށް ފަރުވާވެބަލާތި.....އަދި މިރޭ މަންމައަށް އެއްވެސް އެއްޗެއް ކާކަށްވެސް ނުދެވޭ. ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަން ބުނެބަލަ.] ނާއިލް ބުންޏެވެ. އޭރު އެތަނުގައި ޝާޢިރާއާއި އޭނާގެ ދަރިފުޅު ނާއިޝްވެސް ތިއްބެވެ. ނާއިޝްއަކީ އޭނާގެ މަންމައެކޭ އެއްފަދައިން މަކަރުވެރި އަނދުން އަޅުވަން ދަންނަ ބޭރުފުށަށް ރަނގަޅު ސިފަ ދައްކައިގެން އުޅޭ މީހެކެވެ.

[ބޮޑު މަންމާ....އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހަކު ބޮޑުމަންމަ ތިހާލުގައި އުޅޭކަށް ނުޖެހޭނެ.] ނާއިޝް، ނާޒިމާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.

[ތެދެއް ނާޒިމާ...ނާޒިމާގެ ހިތަކަށްވެސް ނާރާނެ، ނާޒިމާގެ ޙާލަތާމެދު އަހަރެން ދެރަވެ ހިތާމަކުރާ މިންވަރު. ނާޒިމާގެ ޙާލަތާމެދު ވިސްނާފައި އަހަރެން ވަރަށް ހިތާމަ ކުރަން....] ޝާޢިރާވެސް މަތިއޮމާން ކުރަމުން ލޮލަށް ކަރުނައިގެ އަސަރު ވެރިކުރުވިއެވެ.

އެއީ ނާޒިމާއަށް ކާން ހަދައިގެން ޒޭނާ އެތަނަށް އައިސް ވަން ވަގުތެވެ. ޒޭނާ ވަނުމާއެކު ނާޒިމާއަށް ރަނގަޅަށް ކާންދޭށޭ ބުނެފައި ޝާޢިރާއާއި ނާއިޝް އެތަނުން ނުކުތެވެ.

[ދަރިފުޅާ....މަންމަ ވަރަށް ބޮޑަށް އެބަ ހާސްވޭ. ދަރިފުޅު މިކަމާމެދު އެއްވެސް ވަރަކަށް ވިސްނައިފިންތަ؟] އެކޮޓަރިން ނުކުމެ ހިނގައިގަންނަމުން ނުތަނަވަސްވެފައި ހުރި ޝާޢިރާ ނާއިޝްއާ ވާހަކަ ދެއްކިއެވެ.

[މަންމަގެ ހިތަކަށްވެސް ނާރާނެ. މިހާރު އެ އަންހެން ކުއްޖާ އެގެންދިޔަ ވިހަ ކާއެއްޗެތި ރަނގަޅަށް ކާން ދެވިއްޖެއްޔާ، ހުރިހާ ކަމެއް ޙައްލުވާނެ.] މިހެން ބުނެފައި ނާއިޝް ނުލަފާ ޒާތަކަށް ހީނގަތެވެ.

[އަޞްލުވެސްތަ. ދަރިފުޅު ތިވަރަށް ހުޝިޔާރުވާނެ ކަމަކަށް މަންމަގެ ހިތަކަށްވެސް ނާރާ. މަންމަ ވަރަށް އުފާވެއްޖެ....] އެވަގުތު މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށީމާ ޝާޢިރާ ހުއްޓުނެވެ.

[ޝާޢިރާ ކޮންކަމަކާ އުފާވާ ވާހަކަތަ؟ ޝާޢިރާ ވަރަށް ބަނޑުވެސް ހައިވެއްޖެ.] ސިޑިން އަރައިގެން އައިސް ވަންނަމުން އިލްޔާސް ވާހަކަ ދެއްކިއެވެ.

[ނާޒިމާގެ ޙާލަތު ހިސާބަކަށް ރަނގަޅުވާން ފެށީމާ، އުފާވާ ވާހަކަ މިކިޔަނީ.] ޝާޢިރާ ދޮގުހެދިއެވެ.

[ހިނގާ ކާން. ކާން ހަދަން ބުނެފައި އަހަރެން އެފަރާތަށް ދިޔައީ. ދަރިފުޅު ނާއިޝް، ދަރިފުޅު ކައިފިންތަ؟] ޝާޢިރާ ކާގެއާ ދިމާއަށް ހިނގައިގެންފިއެވެ.

[ނުކަން، އަހަރެންވެސް ކާނީ ބައްޕައާއެކު. މިރޭ ދެން އެންމެންވެސް ކާހިތްކެނޑިފައި ތިބި ރެޔަކީތާ. އަހަންނަށް ހީވަނީ އަދި ބޭބެވެސް ނުކާހެން.] މަންމަގެ ފަހަތުން ދަމުން ނާއިޝް ވާހަކަ ދެއްކިއެވެ.

މިހާރު ޝާޢިރާ އެހުރީ އޭނާގެ ރޭވުން ކާމިޔާބުވާތީ، ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ޒޭނާ ނާޒިމާއަށް ކާންދޭން ހުރިއިރު ނާއިލްވެސް އެތާނގައި ހުއްޓެވެ. ނާއިލް ހުރީ އޭނާގެ ލޯބިވެރިޔާ، އޭނާގެ މަންމައަށް ދެމުންދާ ޚިދްމަތް ބަލާށެވެ. ބައެއްފަހަރު މަންމަ ގާތު ޒޭނާއަކީ އޭނާގެ ވާންއުޅޭ އަނބިމީހާއޭ ބުނެފާނަމޭވެސް އޭނާގެ ހިތަށް އަރައެވެ. ނަމަވެސް އަދި އެކަން ހާމަކުރަން އަވަސް ކަމަށް ވިސްނޭތީ، އޭނާގެ ވިސްނުން ކޮންމެ ފަހަރަކުވެސް ބަދަލުވަނީއެވެ.

[ޒޭނާ...މަންމައަށް ކާންދީފައި އަހަރެންގެ ކޮޓަރިއަށް ވަދެލައްޗޭ. އަހަރެން މިހުރީ އަދި ފެންވެސް ނުވަރާ. އަހަރެން ފެންވަރައިގެން އަންނާނަން މަންމާ....] ނާއިލް އެކޮޓަރިން ނުކުތެވެ.

އެއީ އިލްޔާސާއި ނާއިޝް ކާން ފެށި ވަގުތެވެ. އެމީހުނާއެކު ޝާޢިރާވެސް ކާން އިށީނެވެ.

އެހާ ދަން ގަޑިއެއްގައި މީގެކުރިން ދުވަހަކުވެސް އެމީހުން އެކުގައި ކޭ ހަނދާނެއް އެއިން އެއްވެސް މީހަކު ނުހުންނާނެއެވެ. ކާން ފެށި ނަމަވެސް، ނާއިޝާއި ޝާޢިރާގެ ފިކުރު ހުންނަނީ އެހެން ދިމާއެއްގައެވެ. އެމީހުނަށް އިންތިޒާރު ކުރެވެމުންދަނީ ނާޒިމާގެ ކޮޓަރިން އެމީހުންނާ ހަމައަށް އަންނާނޭ އުފާވެރި ޚަބަރަކަށެވެ.

[މިރޭ ހަދާފައި މިހުރި ޕިރިނީ ވަރަށް މީރު.] އިލްޔާސް ބަތްކައި ނިންމުމަށްފަހު، ފޮނި ކާއެއްޗެހި ކަމުން ބުންޏެވެ. އޭނާ އެހެން ބުނީމާ ޝާޢިރާ، އޭނާގެ ކުރިމަތީގައި ހުރި ޕިރިނީ ތަށި ކާން ފެށިއެވެ. އެއިން ދެތިންފަހަރު ކެވުނުތަނާ ޝާޢިރާ ކޮށިއެރިއެވެ. އެއާއެކު ދެން ހީވީ އޭނާގެ ކަރުބުޑުގައި އެއްޗެއް ތާށިވެގެން ތެޅިފޮޅިގަތްހެންނެވެ.

[މަންމާ.....ކިހިނެއްވީ؟ ޝާޢިރާ!؟] ނާއިޝްއާއި އިލްޔާސަށް އެއްފަހަރާ ޝާޢިރާގެ ގައިގައި ހިފެހެއްޓުނެވެ.

[އައްދޯއި އިލްޔާސް....ކޯއްޗެއްތަ މިކެވުނީ؟] އެތެރެހަށިން ދިލަނަގާތީ ޝާޢިރާ ތެޅިފޮޅެން ފަށައިފިއެވެ. އޭނާ ހާސްވަނީއެވެ. ވުމާއެކު ވަގުތުން އޭނާ ގެންދެވުނީ ހޮސްޕިޓަލަށެވެ. މަންމައަށް ވާގޮތް ފެނުމުން ނާއިޝް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ކަންތައްވީގޮތް އޭނާއަށް މިހާރު ވިސްނިއްޖެއެވެ. ޝާޢިރާ ބެލުމަށްފަހު ޑޮކްޓަރ ބުނީ ނުރައްކާތެރި ޕޮއިޒަނެއް ޝާޢިރާގެ އެތެރެހަށްޓަށް ގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ނުގެނެވި ލަސްވިނަމަ، އޭނާގެ ޙާލަތު ވަރަށް ނުރައްކާވީސް ކަމަށެވެ.

[ޝާޢިރާއަށް ޒަހަރު ބޮވިފައޭ! ކާކުތަ އަހަރެމެންގެ ކާއެއްޗަކަށް ޒަހަރުލާނީ. އަހަރެންގެ ޢާއިލާތެރޭ މިހިނގަނީ ކޮންކަހަލަ ކަންތައްގަނޑެއްބާ؟] އިލްޔާސް ދެއަތަކަށް ބޯހޫރާލިއެވެ. އޭރު ނާއިޝް ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.

[ކިހިނެއްބާމިވީ. ޒޭނާ ތަށިތައް ގެންގޮސްގެން އުޅެނީ އޮޅުވާލައިގެން. ކަންބޮޑުނުވޭ މަންމާ. ދެވަނަފަހަރު ރަނގަޅުވާނެ. މިފަހަރު މިހެންވިޔަސް، އަޞްލު ކަންތައް މިވީގޮތް މިހާރު މާރަނގަޅު.] ބައްޕަ އިލްޔާސް، ބޭސް ސިޓީ ހިފައިގެން ބޭރަށް ނުކުތީމާ ނާއިޝް މަންމައާ ވާހަކަ ދެއްކިއެވެ. އެއީ ޝާޢިރާވެސް ޤަބޫލުކުރާ ގޮތެވެ. މިރޭ އޭނައަށް ކަންތައް ދިމާވިގޮތުން އޭނައާމެދު ޝައްކު ނުއުފެދޭގޮތް ފަހިވީ ކަމަށް އޭނާ ވިސްނައެވެ.

[ދަރިފުޅު ތިބުނީ ރަނގަޅަށް. އިއްތިފާޤުން ކަންތައް ރޭވިގެން މިދިޔައީ ވަރަށް ރަނގަޅަށް. މިހާރު އެމީހުންނަށް ވިސްނޭނެ. ހަމައެކަނި ނާޒިމާއަށް ޙަސަދަވެރިވާ ބަޔަކު ނޫންކަން އުޅެނީ. މަންމަ މަރާލަންވެސް ބަޔަކު މަސައްކަތް ކުރާކަން.] ޝާޢިރާ ކުޑަކޮށް ބުރަކަށި ތެދުކުރިއެވެ. އެއީ ބޭސް ހިފައިގެން އައިސް އިލްޔާސް އެތެރެއަށް ވަން ވަގުތެވެ.

[އިލްޔާސް އަޅެ އަހަންނާއި ނާޒިމާއަށް ޙަސަދަވެރިވާ ބަޔަކު އަހަރެމެންގެ ޢާއިލާތެރޭގައި، އެހެން ނޫނީ ބޭރުން އެގެއަށް އައިސް ވަދެ އުޅޭކަން އެބަ ސާބިތުވެއެއްނު. ގޭގައި އުޅެން އަހަރެން މިހާރު ބިރުގަންނަން ފަށައިފި.] އިލްޔާސް ވަނީމާ ބަލިއަޑަކުން ޝާޢިރާ ބުންޏެވެ.

[އަހަރެންވެސް ވަރަށް ބޮޑަށް ޙައިރާންވެއްޖެ. އަހަރެންގެ ޢާއިލާއަށް ޙަސަދަވެރިވާ ބަޔަކު އުޅެމުންދާތީ. ޙަޤީޤަތުގައި ކުރިން ހީކުރެވިފައި އޮތީ ނާޒިމާއަށް ޙަސަދަވެރިވާ ބަޔަކު އުޅެނީ ކަމަށް. މިހާރު އެބަ އެނގޭ، އަހަރެންގެ މުޅި ޢާއިލާއަށް ޙަސަދަވެރިވާ ބަޔަކުކަން އުޅެމުން މިދަނީ.] ޝާޢިރާގެ ބޮލުގައި އިލްޔާސް އަތް ކާއްތަން ފެށިއެވެ.

ޝާޢިރާ ހޮސްޕިޓަލަށް ގެނައިކަން އެނގުމުން، ނާއިލް ހޮސްޕިޓަލަށް އައިސް ވަނީ އެވަގުތެވެ.

[ބައްޕާ މިހާރު ގޭތެރޭގައި ހިނގާ ކަންތަކަށް ފާރަވެރިވެ ބަލަން ވެއްޖެއެއްނު. ވަރަށް ދެރަކޮށް ދިމާވާ ކަމެއް. ތުހުމަތު ކުރެވޭ މީހަކު ހުރިތޯވެސް އެބަޖެހޭ ބަލަން.] ޝާޢިރާ ބާއްވާފައި އޮތް ކޮޓަރިއަށް ވަންނަމުން ނާއިލް ވާހަކަ ދެއްކިއެވެ.

[ކުޑަ މަންމާ، މަންމައަށް އެއްވެސްވަރަކަށް ޝައްކެއްވެސް ނުވޭތަ، ކުޑަމަންމަގެ ކާއެއްޗެއްސަށް ޒަހަރުލީ މީހަކާ މެދުގައި.] ނާއިލް ބުންޏެވެ.

[ދަރިފުޅާ، ކުޑަމަންމަ ޝައްކު ކުރާނީވެސް ކާކަށްތަ؟ ކުޑަމަންމަ މިހާރު ގޭގައި އުޅެންވެސް ބިރުގަންނަ ޙާލަތަށް ހިނގައްޖެ.] ޝާޢިރާ އޭނާގެ ލޮލަށް ކަރުނައިގެ އަސަރު ވެރިކުރުވިއެވެ.

[ބޭބޭ އަހަރެން އެބަ އަންނަން ބޭރަށް ޖެހިލާފައި.] ނާއިޝް އެވަގުތު ނުކުމެގެންދިޔައީ އޭނާގެ ސިކުނޑިއަށް ރޭވުންތެރި ރަޙުމްކުޑަ ޚިޔާލެއްވެރިވީމައެވެ.

އޭނާ ދިޔައީ ސީދާ ގެއަށެވެ. ވަގުތަކީ އޭނާއަށް އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ރަނގަޅު ވަގުތެކެވެ. އޭނާ އެފަދަ ވަގުތަކަށް އިންތިޒާރު ކުރަމުންދާތާ މިހާރު ދެދުވަހެއްވަރު ވެއްޖެއެވެ.

ނަޞީބު ދިމާކުރިގޮތުން އެވަގުތަކީ ޒޭނާވެސް އޭނާގެ މަންމައަށް ފޮނުވުމަށްޓަކައި ކޮންމެވެސް އެއްޗެއް ގަންނަން ބާޒާރަށް ގޮސްފައިވާ ވަގުތެކެވެ. އޭނާ ދިޔައީ އެގޭގައި އުޅޭ މަރީނާއާ އެކުގައެވެ.

[ޒޭނާ މިހާރު ރަށަށްދާހިތެއް ނުވޭދޯ؟] ފިހާރައަށް ވަންނަމުން، ޒޭނާ ގާތު މަރީނާ އެއްސެވެ.

[ނޫނޭ...އެއްވެސް ދުވަހަކު އަހަރެން ރަށަށްދާހިތުން ނޫޅެން. އަހަރެން މަސައްކަތް ކުރީ މަތީ ތަޢްލީމުގެ ފުރްޞަތު ހޯދަން. މިހާރު މިއުޅެނީ ޑިގްރީއަށް ކިޔެވުމުގެ ފުރްޞަތު ލިބޭތޯ ކޯހެއް ހަދަން.] ޒޭނާ ބުންޏެވެ.

އެހެން ނަމަވެސް، ނާއިލް މިހާރު ޤަޞްދުކޮށްފައިވަނީ ކައިވެންޏަށްފަހު، މަތީ ތަޢްލީމް ޙާޞިލް ކުރުމަށްޓަކައި ޒޭނާ ޔޫ.ކޭ.އަށް ފޮނުވާށެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން