ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ބައެއްތަކެތި މިއަދު ރަސްމީކޮށް ޙަވާލްކޮށްފިއެވެ.

މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރުއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މިއަދު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިނާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާއި ގުޅިގެން ޙަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް 6 މޮޓޯސައިކަލް ހިމެނެއެވެ. މީގެ އިތުރުންވެސް ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް މިއަދު ވަނީ މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްފައެވެ.

މިއަދު ޙަވާލުކުރި ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިނާއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންކުރެވޭތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްޞަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިންއާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް އިމަރޖެންސީ ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން