ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަތަކަށް ފަސޭހަކާމާއެކު ފައިނޭނިންސިންގ ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސުން އައު ލޯނަކާއި ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.

އަލަށް ތައާރަފް ކުރި ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ގަތުމަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާނެއެވެ. ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ މި ލޯނު ދޫކުރަނީ 12 އިންސައްތަ އިންޓްރެސްޓް ރޭޓްގައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަދު ތައާރަފްކުރެވޭ ފައިނޭންސިންގެ ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަަކަށް ލިބޭނެ އުފާވެރި ޚަބަރެއްކަމަށެވެ.

"ޝަރުތު ހަމަވާ ފަރާތަކަށް އިތުރު ރަހުނަކާ ނުލާ އަމިއްލައަށް އިތުރު ހަރަދެއް ކުރަންނުޖެހި ލިބިފައިވާ ފްލެޓްގެ ބާކީ މަސައްކަަތްތައް ނިންމާލުމަށް 150،000 ރުފިޔާއާ ހަމަަޔަށް ލޯނު ދޫކުރެވޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުޢީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެ." ސޯޔަރ ވިދާޅުވިއެވެ.

ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފްކުރި މިލޯނުގެ އިތުރުން ބޭންކުން ވަނީ ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފައެެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް ރޭޓެއްކަމަށްވާ 12 އިންސައްތަ އިންޓްރެސްޓް ރޭޓެއްގައެވެ. ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ވެސް މިއާ އެއްގޮތް ފައިނޭންސިންގ ޕްރޮޑަކްޓެއްވަނީ ތައާރަފްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް