ބޮމުގެ ހަމަލާއާ ގުޅިގެން ކުރިމަތިވި ޒަހަމްތަކަށް ހޯއްދަވަމުން ގެންދަވާ ފަރުވާއަށް ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ލިބޭތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި ދަންނަވާފައިވާނޭކަމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަރުވާގެ ކަންކަން ޖަރުމަންވިލާތުގައި ކުރިއަށްދިޔައިރު، ޖަރުމަން ސަރުކާރާއި ދިވެހި ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގަތްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަރުވާގެ ކަންކަމަށް ޚަރަދު ކުރައްވާނީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ހުރި އެއްޗަކުންކަމަށާއި، ނަމަވެސް ސަރުކާރުން މިކަމުގައި އެހީތެރިކަމެއް ލިބޭތޯ ރައީސް ޞާލިހުގެ އަރިހުގައި ދަންނަވާފައިވާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސަރުކާރުން ކޮންމެވެސް އެއްޗެއް ދިނުމަށް އަޅުގަނޑު ރައީސް އަރިހުގައި ވާނީ ދަަންނަވާފައި. އަދި ފިނޭންސްގައިވެސް ދަންނަވާފައި ވާނީ. އެހެން ނަމަވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަރަދު ކުރާނީ އަޅުގަނޑަށް ލިބިފައި ހުރި އެއްޗަކުން. އަދި އަޅުގަނޑުގެ ގާތް ތިމާގެ މީހުންވެސް މި ހަރަދުގައި ހިފައިދޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." ރޭ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، އޭޑީކޭގެ ސިއްހީ ޚިދުމަތްތެރިންނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އަދި އޭޑީކޭގެ ފެންވަރު ރަނގަޅު ފަރުވާ ނުލިބުނުނަމަ މިއަދު އާންމުންނާއި ވާހަކަދައްކަވަން އެގޮތަށް އިންނެވުމުގެ ފުރުސަތު ނުލިބުނީސް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަކި ޑޮކްޓަރެއްގެ ވާހަކައެއް ނޫން. އެންމެ އާދައިގެ ޑޮކްޓަރާއި އެންމެ ހަމަ ގާތުގައި ހުރި ނަރުހުންނާއި ހުރިހާ ކުދިން. އަޅުގަނޑު ފިއްކަނޑައިގެންދޭ އެބޭފުޅުން ގެ ކުޅަދާނަކަމަށްޓަކައި. ތަންތަން ފަހާފައި ހުރި ގޮތްވެސް ހާދަ ރީއްޗޭ. ނީޑްލް ވޯކްގެ މަސައްކަތް ޑޮކްޓަރުން ހާދަ ރަނަގަޅޭ ހިތަށްއަރާ. ދެން ހުންނާނެ ލަކުނު. ދެން އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫން އެއީ އަނދާފައި ފިހިފައި ހުރި ތަންތަން ރަނގަޅުކުރުން. ކިރިޔާވެސް ކަމަކާ ނުލާ ރަނގަޅު ކުރެވެން ހުރި ކަންކަން ވިއްޔާ އެއޮތީ ބޮޑުކޮށް ރަނގަޅު ކޮށްފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރަށްވުރެ ގިނައިރު ވަންދެން އެމަނިކުފާނުގެ ސާޖަރީތައް ކުރިއަށްގެންދިޔައެވެ. އަދި އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ވަނީ ޖަރުމަންވިލާތުގައިވެސް ގިނަ ދުވަސްތަކެއް ފަރުވާގައި ހޭދަކުރައްވާފައެވެ. ޖަރުމަންވިލާތުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


2

މުދީރު

09-Jul-2021

އާސަމްދަ ލިބޭ ގައުމަކުން ބޭސްކުރާނަމަ ކޮންމެ ރައްޔިތަކައް ވެސް ލިބޭ ގޮތައް އާސަންދަ ލިބޭނެ.. އިނގިރޭސިވިލާތު ގައި ބޭސްކުރަން ހަރަދު މޮއްފިނަމަ އެއީ މަގާމުގެ ނޫފޫުޒް ބޭނުންކޮއްގެން ހިންގާ ކޮރަޕްޝަ ް



ޓްރެންޑިން