ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާއަށްދާން ތައްޔާރަށް ތިބި ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭނީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްގެން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން 2023 ގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރޭ ވަނީ ހާމަކުރަައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެކަން ކުރައްވާނީ ރައީސް ޔާމިނާއި ޕީޕީއެމާ ގުޅިގެން ކަމަށާއި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމް ފޮރުޅާލެވޭނެ ކަމަށެވެ.

އެކަމާގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ނަޝީދު ދެއްވީ މަޝްވަރާގެ މޭޒަށް ދިއުމުގެ ދައުވަތެއް ކަމަށެވެ. ޕީޕީއެމަކީ އަބަދުވެސް ވާހަކަ ދައްކާނެ ޕާޓީއެއް ކަމަށާއި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްވެސް އެޕާޓީ ތައްޔާރަށް އޮތްކަން ޝިޔާމް ވަނީ ހާމަކުރައްވާފައެވެ. އެހެން ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި މަޝްވަރާ ކުރަން ޖެހޭނީ ޕާޓީތަކުގެ ލީޑަރުން ކަމަށާއި ޕީޕީއެމްގެ ފަރާތުން މަޝްވަރާ ކުރަން ޖެހޭނީ ސީދާ ރައީސް ޔާމީނާކަމަށް ޝިޔާމް ވަނީ ފާހަަގަކުރައްވާފައެވެ.

"ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމް ބާތިލްކޮށް އެ މަނިކުފާނު މިނިވަންކުރޭ." ޝިޔާމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ. ދަށު ކޯޓުގެ އެހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވާއިރު، އެމައްސަލަ މިހާރު އޮތީ ސްޕްރީމް ކޯޓުގައެވެެ. ރައީސް ޔާމިން މިވަގުތު ހުންނެވީ ގޭބަންދުގައެެވެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.

ރޭގެ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިންގެ ތާއީދާއެކު ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާނެކަމަށެވެ. އެގޮތުން ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި ކަމަށާއި، ފަހުން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ އެމްޑީޕީއާއި ޕީޕީއެމް މި ދެ ޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ." އާސްކް ސްޕީކާރ ގެ ރޭގެ ޕްރޮގްރާމްގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން