ބަރުލަމާނީ ނިޒާމަކަށް ދިވެހިރާއްޖޭގައި ޖާގައެއް ނެތްކަމަށް ކުރީގެ ރައީސް, ރައީސް އަލްސުދްތާޒު މައުމޫން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމަށް ބޭނުންވާ ޤާނޫނުތައް އަންނަ އަހަރު ފާސްކުރަންޖެހޭކަމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ، ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީވެސް ވަނީ ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތްކަމަށާއި އެކަން ވަރަށް ސާފުކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ބޭނުންވާ ޤާނޫނުތައް އަންނަ އަހަރު ފާސްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށެވެ. އަދި މިކަމުގައި ޕީޕީއެމުންވެސް ތާއީދުކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ޔާމީން ވެސް ތާއީދު ކުރަށްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި އެކަމަށް އެމަނިކުފާނުގެ ތައީދުވެސް ލިބޭނެ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހުވެސް މިކަމާއި ދެކޮޅު ހައްދަވާފައިނުވާކަމަށެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވަމުންނެވެ. އެކަމަކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މިއަދު މިކަމާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަ ތަކަށް ބުރަވާއިރު ރައީސް ނަޝީދު ވިދާޅުވި ގޮތަށް ރައީސް ޔާމިން މިނިވަން ކުރުމަށްޓަކާ ރައީސް ނަޝީދާއެކު ޑީލެއް ހަދަން ޕީޕީއެމް/ ޕީއެންސީ އޮތީ ތައްޔާރަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން