މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރަން ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ.

ބްރިޖުގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރުމަށް ނިއްމައިފައިވަނީ އިންޑިއާގެ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޓެޑާއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށް ކަމަށްވާއިރު، ބުރިޖުގެ އަމަލީ މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ ވަރކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީވެސް މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުކަމަށްވުމުން އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑުބައެއް އެމަސައްކަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ވަގުތީގޮތުން އެކިކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެ ސަރަހައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތައް ނަމަވެސް އެ ބިންތަކާއި، އެ ސަރަހައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައިވާއިރު އެ މިނިސްޓްރީން ބުނީ ވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަންވެސް ބޭނުންވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީީ، އެ ސަރަހައްދުގައި ވެހިކަލްތައް ބަހައްޓައިފައިވާ ފަރާތްތަކުން މި މަސް ނިމުމުގެ ކުރިން ވެހިކަލްތައް ނެގުމަށް އަންގާފައެވެ. އަދި އެ މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބްރިޖްގެ މަސައްކަތަށް މާލޭ އިންޑަސްޓްރިއަލް ވިލެޖް ހުސްކުރަން ހައުސިންގ މިނިސްޓްރީން އެންގި ނަމަވެސް އެ ތަނަށް މާލޭގެ އެތެރޭގައި ހުރި ބޮޑެތި ގުދަންތަކާއި ގަރާޖް، ވޯކްޝޮޕް ފަދަ ތަންތަން ބަދަލު ކުރަން މާލޭ ސިޓީކައުންސިލުން ވަނީ ޕްލޭނެއް ވެސް އެކުލަވާލައި އެމަސައްކަތް ފަށާފައެވެ.

މާލެ-ތިލަފުށި ބްރިޖު ނުވަތަ ތިލަމާލެ ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުކަން ފާހަގަކޮށްލެވެއެެވެ. އެއީ ރައީސް އިބްރާހީމް ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން