ނަޞާރާ ދީނުގެ މައުލޫމާތު ދިވެހި ބަހުން ހުންނަ ލިޔެކިޔުންތައް މިފަހަކަށް އައިސް ދިވެހިރާއްޖެއަށް ފޮނުވަމުން ގެންދާކަން ފާހަގަކުރެވޭ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕޯސްޓްގެ ޒަރީޔާއިން ރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ތެރޭގައި މިފަހަކަށް އައިސް ނަޞާރާ ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ބޭރުގެ އެކި ފަރާތްފަރާތުގެ ނަމުގައި ރާއްޖެއަށް ފޮނުވަމުން އަންނަކަން ކަސްޓަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ސިޓީ އުރާގައި ފޮނުވާ މިފަދަ ލިޔުންތައް ރާއްޖޭގެއެކި މުއައްސަސާތަކާއި، އަމިއްލަ ފަރުދުންނާއި، ވިޔަފާރި ކުންފުނިތަކަށްވެސް އެޑްރެސްކޮށްފައި ހުންނަ ކަމަށް ކަސްޓަމްސްގެ ނޫސްބަޔާނުގައިވެއެވެ.

ބެލެވޭ ގޮތުގައި މިއީ އެ ލިޔުންތައް އެޑްރެސް ކުރެވިފައި ހުންނަ ފަރާތްތަކަށް އެނގުމަކާއި ނުލައި ނުވަތަ އޮޅުވާލައިގެން ކުރަމުންދާ ކަމެއް ކަމަށް ބެލެވޭ ކަމަށް ކަސްޓަމުން ބުނެ އެވެ. ޣައިރު ދީންތަކުގެ މައުލޫމާތު ހިމެނޭ ފޮތާއި އެނޫންވެސް މައުލޫމާތު ފަތުރާ ވަސީލަތްތައް ރާއްޖެއަށް އެތެރެ ކުރުމަކީ މަނާކަމެކެވެ. ކަސްޓަމްސް އިން ބުނީ މިކަންކަން އަމަލީ ގޮތުން ހިންގަމުންދާ ފަރާތްތައް ހޯދައި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަސްޓަމާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަސްޓަމުން މިފަދަ ނޫސްބަޔާނެއް ނެރެފައި މިވަނީ ދާދިފަހުން ސެނަހިޔާގައި ޚިދުމަތްކުރާ ބޭރު މީހަކަށް އެޑްރެސްކޮށް ފޮނުވި ފޮށިގަނޑެއްގެ ތެރޭގައި ބައިބަލްގެ ދިވެހި ތަރުޖަމާ ހުރި ވާހަކަ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރުމުންނެވެ. މި ފޮތްތައް ކަސްޓަމުން ހިފެހެއްޓި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން