ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލަށް ގެނެސްފައިވާ އިސްލާހުތަކާއެކު މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިހަ މެމްބަރަކު ސޮއިކުރައްވައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާނެ ގޮތެއްގެ މަތިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލަށް އެމެންބަރުން ތާއީދު ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މެެދުގައި ބައެއް މީހުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވަން ޖެހޭ އަމަލުތަކެއް ކަމަށް އެ މެންބަރުންވެސް ގަބޫލުކުރައްވާ ކަމަށާ އަދި ނަފްރަތުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބިފައިވާކަަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށް އެބަޔާނުގައި މެންބަރުން ވިދާޅުވެފައިވެއެެވެ.



މެމްބަރުން ވިދާޅުވީ މައްސަލައަކީ ހައްލު ހޯދަންޖެހޭ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް މިހާރު ހުށައަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލު ކަމަށް ނުވަތަ މިފަދަ ގާނޫނެއް ފާސްކުރުމުގެ މަގުސަދު ހާސިލުވާނެ އިސްލާހެއް ކަަމަށް ގަބޫލު ނުކުރާ ކަމަށް މެމްބަރުން ނެރުއްވި ބަޔާނުގައި ވެއެެވެ. މެންބަރުންގެ ބަޔާނުގައި ބުނެފައިވަނީ މި ބިލް މަޖިލީހަށް ހުށައެޅި އޭގެ ފަހަށް ޖުޑީޝަރީ ކޮމެޓީން ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު މިއީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ހައްލަކަށްވުމުގެ ބަދަލުގައި މި ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލިގޮސް ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގުޅޭ މިފަދަ ބިލްތަކަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ދީނީ އިލްމުވެރިން އަދި ކަމާގުޅުންހުރި އެހެނިހެން ބޭފުޅުންގެ މަޝްވަރާއާއި ލަފަޔާއެކު ޑްރާފްޓްކުރެވި ފާސްކުރަންޖެހޭ ބިލުތަކެއް ކަަމަށްވެސް ބަޔާނުގައިވެއެވެ.

"މި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމެޓީން ކުރަމުންދިޔައިރު މި ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަދަ އިދާރާތަކުން ހުށައަޅާފައިވާ ގިނަ އިސްލާހުތަކަށް ރިއާޔަތްނުކޮށް ކޮމެޓީން މި ބިލް ފާސްކޮށްފައިވާކަމީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ." މެމްބަރުންގެ ބަޔާނުގައި ބުނެފައިވެއެެވެ.

މީގެ އިތުރުން ނަފްރަތުގެ އަމަލުތައް ހުއްޓުވައި މި މައްސަލައާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި މަޝްވަރާގެ އުސޫލުގެ މަތިން ވީހާވެސް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ގާނޫނުތައް އިސްލާހު ކުރުން މުހިންމު ކަަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ.

"މިހާރު ހުށައަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ދިވެހި ގައުމު އިތުުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުުރުސަތު އޮތްކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މިހާރު ހުށައަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަށް އަޅުގަނޑުމެން ތާއިދު ނުކުރާނެ ވާހަކަ ދަންނަވަމެވެ." މެމްބަރުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސޮއިކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

maahid

09-Jul-2021

Thibill he sababun koacheh faalhu nukurevenee.



ޓްރެންޑިން