ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށްކުރާ ދައުވާތަކުގެ ޝަރީއަތް ކުރިއަތް ގެންދިއުމަށް އޭނާ ރާއްޖެ ގެންނަން ޕީޖީ އޮފީހުން ހައިކޯޓުގައި މިއަދު އެދިއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އެދުމުން، ކްރިމިނަލް ކޯޓުން އެ ފުރުސަތު ދިނުމާ ގުޅިގެން ޕީޖީ އޮފީހުން ވަނީ ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެމައްސަލައިގައި މިއަދު ހަވީރު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުން ވަނީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އޭނާ ރާއްޖެ ގެންނަން ހައިކޯޓުގައި އެދިފައެވެ. ޕީޖީ އޮފީހުން އެގޮތަށް އެދުމާއި ގުޅިގެން މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމުުގައި ނިންމާ ނިންމުމެއް ފަހުގެ ތާރީހެއްގައި އަންގާނެ ކަމަަށެވެ.

މިއަދުގެ އަޑުއެހުމުގައި ހައިކޯޓުގައި އެ މައްސަލަ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެތޯ ނުވަތަ އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ޕީޖީގެ ވަކީލު ވިދާޅުވީ އޭނާއަށް ޖަވާބުދާރީނުވެވޭ ގޮތަކަށް އަޑުއެހުންތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި، ރާއްޖެއިން ބޭރުގައި ހުރެގެން އަޑުއެހުންތަކުގައި ދައުވާ ލިބޭ ފަރާތަކުން ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ހައިކޯޓުން އަމަލު ކުރާނެ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް ފަނޑިޔާރުން އެދިވަޑައިގެންނެވުމުން ޕީޖީގެ ވަކީލު ވިދާޅުވީ، މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެކަމުގައި އަމަލުކުރާނެ އުސޫލުތައް އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ ޗިޓް ފޮނުވައިގެން ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށާއި، އެގޮތުން ހާޒިރު ނުވެއްޖެނަމަ، އެންމެ މަސްލަހަތު ހުރި ގޮތަކީ އެމީހަކު ބަންދުކޮށްގެން ހާޒިރުވާން އެންގުން ކަމަށް ވަކީލު ވިދާޅުވިއެެވެ.

މި މައްސަލާގައި އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ހައިކޯޓަށް ނެރެވިދާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށާއި ނަމަވެސް، އެފަދަ އަމުރެއް ވެސް ކުރިމިނަލް ކޯޓުން ނުލިބުނުކަމަށް ވަކީލް ވިދާޅުވިއެވެެ.

މި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ވަރަށް އަވަހަށް ދައުލަތާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ވަނީ ނިއްމާލާފައެވެ.

ޖިންސީ ގޯނާކުރުމުގެ ގިނަ ދައުވާ ތަކެއް އުފުލާފައިވާ އަލީ ވަހީދު މިވަގުތު ހުރީ ބޭސްފަރުވާ އަށް ކަމަށް ބުނެ ފިލައިގެން ގޮސް އިނގިރޭސި ވިލާތުގައެވެ. އިނގިރޭސި ވިލާތުގައި އޭނާ ހުރިކަން މިހާރު ސަރުކާރަށް ވެސް އެނގެއެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ އެހީގައި ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމެއްގައި ވެސް ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން