ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފޮރުޅާލުމަށް ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި އިދިކޮޅު ލީޑަރު، ރައީސް އަބުދުﷲ ޔާމިން އެއްގަލަކަށް އަރާވަޑައިގެންނެވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކުން މިރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފޮރުޅާލުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، ރައީސް ނަޝީދާއި ރައީސް ޔާމިން އެއްގަލަކަށް އަރާވަޑައިގެންނެވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ވޯޓެއް ނަގައިފިނަމަ އެވޯޓުން ބަލިވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފޮރުޅައެއް ނުލެވޭނެ، އެމަސައްކަތުގައި ނަޝީދު އުޅުއްވައިގެން އެމަނިކުފާނު ވިދާޅުވާގޮތަށް ރައީސް ޔާމިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެކަމެއް ނުވާނެ އަޅުގަނޑަށް ޔަގީން އެ ވޯޓު އެމީހުން ބަލިކަންވާނީ. ވަރަށް އުފާވާނެ އެ ވޯޓަށް ގޮސްފިއްޔާ އޭރުން ސާފުކޮށް އަޅުގަނޑުމެން ރޮނގު ދަމާލާނަން ވަރަށް ސާފުކޮށް ކިހިނެއްތޯ ރައްޔިތުންގެ ވިސްނުންހުރީ." އުމަރު ވިދާޅުވިއެެވެ.

ރައްޔިތުންގެ މަޖިލީހުން ބޭއްވި އާސްކު ސްޕީކަރ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިންގެ ތާއީދާއެކު ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާނެކަމަށެވެ. އެގޮތުން ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި ކަމަށާއި، ފަހުން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ އެމްޑީޕީއާއި ޕީޕީއެމް މި ދެ ޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ." އާސްކް ސްޕީކާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕިއެމުން މިހާރު ވަނީ ރައީސް ނަޝީދާއެކު ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް އެމަޝްވަރާ ކުރެވޭނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ރައީސް އަބުދު ﷲ ޔާމިން މިނިވަންކޮށްގެން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން