މިނިވަން ދުވަސް ފާހަގަކުރުމަށް މިއަހަރު މުޅި ރާއްޖޭގެ ބައިވެރިވުމާއެކު 18 ގަޑިއިރުގެ ޓީވީ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ އެންމެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި "މިނިވަން އުފާ މުޅިރާއްޖެއިން" ނަމުގައި ޚާއްސަ ޓީވީ ޕްރޮގްރާމެއް ދައުލަތުގެ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިވަން ދުވަސް ފާހަގަކުރުމަށް ޚާއްސަ ޓީވީ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމީ އެހެން އަހަރުތަކާ ޚިލާފަށް ކޯވިޑް-19ގެ ސަބަބުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ކުޅިވަރުތަކާއި އައިޓަމްތައް ހުށަހެޅުމަކީ ރައްކާތެރިކަމަކަށް ނުވާނެތީކަމަށެވެ. ނަމަވެސް މި ޕްރޮގްރާމް ވެގެންދާނީ ރާއްޖޭގެ ހުރިހާ ރަށެއް ތަމްޞީލުވާނެހެން، އެކި އުމުރުފުރާތަކުގެ އާއްމުން ޝައުގުވެރިވާނެ ތަފާތު ކޮންޓެންޓުތަކެއް ގެނެސްދޭނެ ޕްރޮގްރާމަކަށްކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ޢީސާ ވިދާޅުވީ، މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ރަށްރަށާއި ސްކޫލުތަކުގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިމުންދާކަމަށެވެ. އަދި އެ ފަރާތްތަކުން ގެނެސްދޭން ބޭނުންވާ ސަޤާފަތާއި ތާރީޚާއި ގުޅުން ހުރި ހަރަކާތްތަކާއި، އެކި ކަހަލަ ހުނަރު ދައްކާލުމުގެ އައިޓަމްތައް ވަގުތުވީ މިންވަރަކުން ޓީވީ ޕްރޮގްރާމުގެ ތެރެއިން ގެނެސްދެމުންދާނެކަމަށް މާހިރު ވިދާޅުވިއެވެ.

ޓީވީ ޕްރޮގްރާމްގެ އިތުރުން މިނިވަން ދުވަހުގެ މުނާޞަބަތުގައި ބާއްވާ ދިދަނެގުމުގެ ހަރަކާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހުގެ ހެނދުނު 10 ޖަހާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާޠަބުކުރައްވާނެކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ. ޓީވީ ޕްރޮގްރާމުގެ ތެރެއިން އެމް.އެން.ޑީ.އެފާއި ފުލުހުންގެ ތަފާތު ހުނަރުތައް ދައްކާލުމާއި، މިއުޒިކާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަންނާނުގެ ހިތްގައިމު ހުށަހެޅުންތަކެއްވެސް ފެނިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިވަން ދުވަހުގެ މިއަހަރުގެ ހުރިހާ ހަރަކާތެއްވެސް ގުޅުވާލާފައިވާނީ "މިނިވަންކަމުގެ އުފާވެރިކަން، މުޖުތަމަޢުގެ ބަދަހިކަން،" މި ޝިއާރާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން