ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހެއް އެކުލަވާލަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހެއް އެކުލަވާލަން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ގޮވާލައްވާފައި މިވަނީ، ދީނީ އެކި ކަންކަމުގައި ރާއްޖޭގައި ބައެއް ފަހަރު ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދެމުންދާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގެ އިދާރީ އެންމެހައި ކަންކަމެއް އެކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނައި، މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ޤާނޫނެއްގެ ދަށުން، "އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް" ރާއްޖޭގައި ޤާއިމުކުރުމަކީ، މުހިންމުކަމެއްކަމަށެވެ. އަދި ވުޒާރާއެއްގެ ބަދަލުގަައި މިގޮތަށް ކައުންސިލެއް ޤާއިމުކުރެވިއްޖެނަމަ ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، އެކަންކަމުގެ މަަޞްލަޙަތު ދެމެހެއްޓި މަސްރަޙަށް އަންނަ ސިޔާސީ ބަދަލުތަކުން އެކަންކަން ސަލާމަތްވެ ޤައުމީ، ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.



އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހެއް ރާއްޖޭގައި ޤާއިމްކުރުމަށް ޑރ. ޝަހީމް ގޮވާލެއްވިއިރު، މީގެކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގައި އޮންނަނީ އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލިސް އުވާލެއްވުމަށްފަހު، އިސްލާމިކް މިނިސްޓްރީއެއް ޤާއިމްކުރިއެވެ. އަދި ދީނީ ކަންކަމުގައި ފަތުވާ ނެރުމަށް ފަތުވާ މަޖިލީހެއް ރާއްޖޭގައި އެކުލަވާލާފައިވީނަމަވެސް، ފަތުވާ މަޖިލިސް ހަރަކާތްތެރިވާ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ. ނުވަތަ ވަރަށް ކުޑަކޮށެވެ. ގިނަ މައްސަލަ ތަކުގައި ފަތުވާ މަޖިލިސް ބަހެއް ބުނަނީ ދީނީ ކަމެއްގައި ރައްޔިތުންނާއި ދީނީ ޢިލްމްވެރިންގެ މެދުގައި ޚިލާފު އުފެދި ބޮޑު ބަހުސަކަށް ގޮސް ޒުވާބުކޮށް ލޭ އޮހުރާ ހިސާބަށް ދާފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ލލ

09-Jul-2021

ތިޔަމަޖިލިހަކުން ވެސް މާކަބޮޑު ފައިދާއެއް ފެނިފަކާނެތް ޢިސްލާމީ ދިވެހި ދައުލަތް ވަރުގަދަ ކުރަންވީ !



ޓްރެންޑިން