ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރު ޑިފެންސަށް ކުޅެފައި ގޯލުޖަހަނީ ބައިކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ، މި ސަރުކާރުގެ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އަބަދުވެސް ކުޅެނީ ޑިފެންސަށް ކަމަށެވެ. އެގޮތުން އިންޑިއާ މައްސަލައިގައި ވެސް ސަރުކާރު ކުޅެނީ ޑިފެންސަށް ކަމަށާއި، ވެންޓިލޭޓަރާއި ރޭޕް މައްސަލައާއި އަލީ ވަހީދުގެ މައްސަލައިގައިވެސް ސަރުކާރުން ކުޅެނީ ޑިފެންސަށް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ސަރުކާރުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގޯލް ޖައްސަވަނީ ބައިކޮޅަށް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން އަމިއްލަ އަށް މިހާރު ކަށްވަޅު ކޮންނަމުންދާކަމަށެވެ.

"ހުރިހާ އެއްޗެއްގައި ޑިފެންސަށް ނޫންތޯ މި ކުޅެނީ؟ އަޅުގަނޑުމެން ބަލަބަލައި ތިއްބައި ބައިކޮޅަށް އެތަށް ގޯލެއް އެބަވަދޭ. ރައީސް ނަޝީދު ވެސް ކުރިން ރޭ ބައިކޮޅަށް ނޫންތޯ ގޯލްޖެއްސެވީ. ނަޝީދު ކޮން ވާހަކައެއްތޯ ދައްކަވަން އޮތީ؟ އޭނާގެ ސަރުކާރެއްގެ ވާހަކަ މި ދައްކަނީ އެމްޑީޕީގެ ސަރުކާރެއްގެ ވާހަކަ އޭނާ އިސްވެ ގެނައި ސަރުކާރެއްގެ ވާހަކަ މި ދައްކަނީ. އޭނާ ނިކުމެ ތިމަންނަ ރައީސް ސޯލިހަށް ތާއިދެއް ނުކުރަމޭ، ތިމަންނަ މީ ރިޔާސީ ކެންޑިޑޭޓޭ ބުނީމަ އެޖެހީ ބައިކޮޅަށް ގޯލު. އަޅުގަނޑުމެން ނުޖެހޭ އެޓޭކަށް ކުޅޭކަން. މި ސަރުކާރުން ސަރުކާރުގެ އަމިއްލަ ކަށްވަޅު ކޮންނަމުންދާއިރު އުދެލި ދިއްކޮށްލަން ތިބެންޖެހެނީ، އަޅުގަނޑުމެން ނުޖެހޭ މާ ބޮޑު ކަމެއް ކުރާކަން." ވެރިކަން ކުރާ މައިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ރައީސް ސޯލިހާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް އިޝާރަތް ކުރައްވަމުން އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވަންޖެހޭނީ ރައީސް ސޯލިހަށް ކަމަށެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ރައީސްކަން ކުރާ ބޭފުޅަކަށް ދެދައުރު ދޭންޖެހޭނެ ކަމަށް ގައުމީ މަޖިލީހުން ފާސްކޮށްފައިވާތީ ކަމަށް އުމަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހާރު ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރަައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން