ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް 3 ދާއިރާއަކުން މެމްބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި 9 މެމްބަރުން ހިމެނޭއިރު، އެ ބޯޑަށް ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ކަނބަލަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް ކަނޑައަޅަންޖެހެއެވެ. މި މެމްބަރުން ފިޔަވައި އެހެން ހުރިހާ މެމްބަރުން މިހާރު ވަނީ ބޯޑަށް ހަމަވެފައެވެ.

ބޯޑަށް މިހާރު އައްޔަންކުރަން ޖެހޭ 3 މަޤާމަށް ރައީސް ޞާލިހު ފޮނުއްވާފައިވަނީ 5 އަންހެން ބޭފުޅުންގެ ނަންފުޅެވެ.

އެލްޖީއޭ ބޯޑަށް އައްޔަން ކުރުމަށް ރައީސުލްޖުމްމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް:-

1. އަޒްހާ ޒަމީރު/ މ. ލިލީޒް - ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް.

2. އައިމިނަތު އަލީ/ ދަފްތަރު ނަންބަރު 2874 - ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް.

3. ފާތިމަތު ނިއުމާ/ ގަލޮޅު ހިމަލިޔާގެ - ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް.

4. ފާތިމަތު ޒީނާ އަލީ/ ހ.ރައިޒިން ސަން - މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއް.

5. އައިޝަތު ޝީޒާ/ ޝާޒީބިން، ބ.ކެންދޫ - މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއް.

މި ނަންފުޅުތައް ދިރާސާކުރުމަށް މިއަދު ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށެވެ.

މި ބޭފުޅުންގެ އިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅުއްވާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. މި ބޯޑުގެ ރައީސަކީ ހޯމް މިނިސްޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން