ކޯވިޑާއި ގުޅިގެން މާލެ ސަރަޙައްދުގެ އިއުލާންކޮށްފައިވާ ކާފިއުގެ ހާލަތު އުވާލައި، ގިނަ ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލެއިން ރަށްރަށަށް ދަތުރުކުރުމާއި ވިޔަފާރިތަކަށް ލުއި ދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ވެކްސިންގެ 2 ޑޯޒް ހަމަކުރުމަށްފަހު، 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލައި މޮނިޓަރިންގައި ނެތް ރަށްރަށަށް ނުވަތަ 5 ޕަސެންޓަށްވުރެ ޕޮޒިޓިވް ރޭޓް ދަށް ރަށްރަށަށް ދެވޭނެއެވެ. އަދި ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންދަންޖެހޭނެއެވެ.

ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް 5 ޕަސަންޓާއި 10 ޕަސަންޓާއި ދެމެދުގައި ހުރިނަމަ، އެރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި 7 ދުވަހުގެ ކަރަންޓީން މުއްދަތަކާއެކުއެވެ. އަދި މިފަދަ ރަށްރަށަށް ދަތުރު ކުރުމަށްފަހު ރިލީޒް ސާމްޕަލް ނަގަންޖެހެއެވެ. ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް 10 ޕަސަންޓަށްވުރެ ބޮޑުނަމަ އެރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި 14 ދުވަހުގެ ކަރަންޓީން މުއްދަތަކާއެކުއެވެ. މީގެއިތުރުން އެރަށްރަށަށް ދަތުރުކުރާ މީހުން ރިލީޒް ސާމްޕަލްވެސް ނަގަންޖެހޭނެއެވެ.

މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކަށް ބަލާއިރު، މާލޭގައި ހިންގަމުންދިޔަ ކާފިއު އުވާލައި ރެސްޓޯރަންޓްތަކުން ރޭގަނޑު 11:30 ވަންދެން ޚިދުމަތް ދިނުން ހިމެނެއެވެ. މީގެއިތުރުން ޚާއްޞަ އުސޫލުތަކާއެކު ސިނަމާތަކާއި ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހުޅުވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދީފައެވެ. އަދި 30 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ރައްކާތެރިކަމާއެކު ހަފްލާތައްވެސް ބޭއްވުމަށްވެސް އެޗްއީއޯސީން ހުއްދަ ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން