ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ދަތިކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ޕާކިސްތާން ސަރުކާރުގެ ފަރާތުން 5،958،781.44 ރުފިޔާ (386،432 ޑޮލަރު)ގެ އެހީއެއްދީފިއެވެ.

ޕާކިސްތާނުން މި އެހީ ދިނީ ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުންނެވެ.

މިއަދު މިނސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދު ﷲ ޝާހިދާ މި ފައިސާ އެހީގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފައިވަނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރުއެވެ.

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަކީ މާޗް 2020 ގައި ސާކް ގައުމުތަކުގެ އިސްވެރިން ބޭއްވި ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވަމެންޓްސްގެ ވާޗުއަލް ސަމިޓްގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އުފައްދާފައިވާ ފަންޑެކެވެ. ސާކް ގައުމުތަކުން ފައިސާގެ އެހީދީގެން އުފައްދާފައިވާ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހީނަރުކަމުން އަރައިގަތުމަށް އެ ސަރަހައްދުގެ ގައުމުތަކަށް އެހީވުމެވެ.

ފައިސާ އެހީގެ ރަމްޒީ ޗެކް ހަވާލުކުރުމަށް މިއަދު ބޭއްްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ޝާހިދުވަނީ ޕާކިސްތާނުން ދިވެހިރާއްޖެއާމެދު ބަހައްޓާ ހާއްސަ އަދި ގާތްގުޅުން ފާހަގަކުރަށްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށާއި އެގައުމުގެ ސަރުކާރާއި ރައްޔިރުންނަށް ޝުކުރުއަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން