ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާއާއި ގުޅިގެން ކުރިއަށް ގެންދިޔަ މަޖިލީހުގެ އިންކުއަރީގައި ޕީޕީއެމުން އިސްކުރީ ޤައުމީ ވިސްނުމާއި، ޤައުމީ މަސްލަޙަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީ އެއް ގޮއްވާލައިގެން ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގި އިންކުއަރީ ގައި ކޮމެޓީގައި ހިމެނިވަޑައިގަތް ހުރިހާ މެންބަރުން ދެއްވީ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ކަމަށް ކޮމެޓީގެ މުޤައްރިރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، އިންކުއަރީގައި ޕީޕީއެމް/ ޕީއެންސީން އިސްކުރީ ޤައުމީ ވިސްނުމާއި، ޤައުމީ މަސްލަޙަތާއި، އިންސާފާއި ހަމަހަމަކަން ކަމަށެވެ. އަދި އެކޮމެޓީގައި އިދިކޮޅު ކޯލިޝަނުން ދައްކާފައިވާނީ ޒިންމާދާރުކަމާއި އިޚްލާސްތެރިކަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވަނީ ރައީސް ނަޝީދަށް ދިންހަމަލާގެ އިންކުއަރީގައި އެންމެން ގުޅިގެން ރަނގަޅު މަސައްކަތެއް އަނެއްކާވެސް ކުރެވިއްޖެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން އިދިކޮޅުން ހިފެހެއްޓީ "ނާޒާޙަތްތެރިކަމާއި ތެދުވެރިކަން" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް 241 ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ. މި ރިޕޯޓް ކޮމެޓީން ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގަތް 13 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓްގައި އެ ރިޕޯޓް އާންމު ކުރާނީ އެ ބައިތައް އުނިކުރުމަށް ފަހުގައެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނޭ ކަމަށް ކޮމެޓީގެ މުޤައްރިރު އަސްލަމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން