އަލިފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އަލިފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ރ. އަލިފުށީގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް ސްޓޭޝަންގެ އޮފީސް އިމާރާތުގެ ޓައިބީމް ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ބިންގަލާ ގުޅިފައިވާ މުހިންމު އެއް މަރުހަލާ ކަމަށްވާ، އޮފީސް ބިލްޑިންގްގެ ޓައިބީމް އެޅުމަށްޓަކައި ލަކުޑި ޖެހުމާއި، ދަގަނޑު ބަނުމުގެ މަސައްކަތްތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާ ހަރުދަނާކޮށް، ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އަލިފުށީގައި އަޅާ މި ޕޮލިސް ސްޓޭޝަނަކީ އެ ރަށާއި އެ ސަރަޙައްދުގެ އަމަންއަމާންކަން ޤާއިމުކުރުމަށް މުހިންމު މަޝްރޫޢެކެވެ.

ފުލުހުންގެ ހިދުމަތްތަކީ އަސާސީ ހިދުމަތަކަށްވާއިރު މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. އެއާއެކު ފުލުހުންގެ ހިދުމަތަށް ބޭނުން ޖެހޭ ހާލަތްތައްކަުގައި އެރަަށްތަކަށް ފުލުހުންގެ ޓީމްތައް ފޯނުވަންޖެހީ ކައިރި ރަށްރަށުންވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެކު މިދިޔަ އަހަރު ވަނީ ފުލުހުން ރަށްރަށުގައި ގާއިމްވެ ތިބެ އެ ހިދުމަށް ހުރިހާ ރަށެއްގައި ފޯރުކޮށްދޭން ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ މި އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު