މަޖިލީހުގެ އިންއަރީ ރިޕޯޓް ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
މަޖިލީހުގެ އިންއަރީ ރިޕޯޓް ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާކޮށް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓުގައި ލަފާދީފިއެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއިމަހުގެ ހަވަނަ ދުވަހުގެރޭ އައިއީޑީ އެއް ގޮއްވާލައިގެން ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގި އިންކުއަރީގެ ރިޕޯޓްގައި ހަރުކަށި ފިކުރާއި، ދީނީގޮތުން ޤައުމުގައި އުފެދެމުންދާ ޚިލާފްތައް ނައްތާލުމަށް ގިނަ ކަންތައްތަކެއް އިސްލާޙް ކުރުމަށް ވަނީ ލަފާދީފައެވެ.

އެގޮތުން ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުނަ ނުދޭން ކުރާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާކޮށް ތަންފީޒުކުރުމާއި، ހަރުކަށި ފިކުރު ފެތުރުނަ ނުދޭން، އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރުމަށް ވަނީ ހިމަނާފައެވެ. އަދި ހަރުކަށި ފިކުރަށް މަގުފަހި ވެދާނެ ގޮތަށް ތައުލީމީ ނިޒާމުގައި ހިންގާ އެކި ކަންކަން ދެނެގަނެ އެފަދަ އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ލަފާދީފައެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ މީހަކު ފާހަގަވުމުން ރިޕޯޓް ކުރާނެ ގޮތާއި އަމަލު ކުރާނެ ގޮތް އާންމުންނަށް ސާފުކޮށް އޮޅުން ފިލުވައިދިނުމާއި، ސޯޝަލް މީޑީއާ މެދުވެރިކޮށް ހަރުކަށި ފިކުރުގެ ވިސްނުމަށް ބާރު އަޅައި ހުށަހެޅުންތައް ދެމުންދާ މީހުންތައް ދެނެގަނެ އެ މީހުނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. އަދި ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ގޮތް ދެނެގަނެ، ހަރުކަށި ފިކުރުގެ މީހުން ބަންދު ކުރަން ޚާއްސަ އިންތިޒާމެއް ހަމަޖައްސައި ބެލެހެއްޓުމާއި، ޖަލުގައި ހިންގާ ޕްރޮގްރާމްތަކުގައި ދީނީ ހަރުކަށި ފިކުރުގެ ފަލްސަފާ ފަތުރާ މީހުން ދަރުސް ދިނުމުގައި ބައިވެރިނުވާ ކަން ކަށަވަރު ކުރުމަށްވެސް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ހަމައެއާއެކު، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރަން ޚަރަދު ކުރާ މީހުނާއި ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ޑޭޓާބޭސްއެއް ނުވަތަ ވޮޗްލިސްޓްއެއް ގާއިމް ކުރުމާއި، ހަރުކަށި ފިކުރު ފަތުރާ މީހުން ސިސްޓަމަށް ފްލެގް ވުމަށް ފަހު، ހުރިހާ އިދާރާއެއް މެދުގައި މި މީހުންގެ ތަހުގީގު މަރުހަލާ، ޝަރުއީ މަރުހަލާ، ބަންދުގެ މަރުހަލާ މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން ޝަރުއީ ނިޒާމުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަށް ޓެރަރިޒަމާއި ހަރުކަށި ފިކުރާ ގުޅޭ ކަންކަން ޚިއްސާ ކުރުމާއި ޝަރުއީ ނިޒާމުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަށް މި ދާއިރާއާ ގުޅޭ ތަމްރީންތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ.

ހަނގުމާވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލެއް ހިންގައިފި ހާލަތެއްގައި، އެމްއެންޑީއެފްއާއި ފުލުހުން އެކުމުގައި މަސައްކަތް ކުރަންވީ ގޮތުގެ އުސޫލު ސާފުކޮށް ބަޔާން ކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އަދި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަ ޓެރަރިޒަމްގެ ދައުރު ފުޅާކޮށް މުވައްޒަފުންނާއި ވަސީލަތްތައް އިތުރު ކުރުމާއި އެކަށޭނަ ބަޖެޓެއް ދިނުމަށްވެސް ކޮމެޓި ރިޕޯޓްގައި ހިމަނާފައި ވެއެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް 241 ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ. މި ރިޕޯޓް ކޮމެޓީން ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގަތް 13 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓްގައި އެ ރިޕޯޓް އާންމު ކުރާނީ އެ ބައިތައް އުނިކުރުމަށް ފަހުގައެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނޭ ކަމަށް ކޮމެޓީގެ މުޤައްރިރު އަސްލަމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން