ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީ އެއް ގޮއްވާލައިގެން ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގި އިންކުއަރީގެ ރިޕޯޓް މިހާރު ވަނީ ކޮމިޓީން ފާސްކޮށްފައެވެ.



ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، 241 ކޮމިޓީގެ ރިޕޯޓް ފާސްކުރުމާއިމެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އީވާ ވިދާޅުވީ ޖަލްސާ އޮންނާނީ މިރޭ 8:00ގައި ކަމަށެވެ.

241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ސިފައިން ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކުރާ ގާނޫނެއް އެކުލަވާލުމަށް ވަނީ ލަފާދީފައެވެ.

ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ޤައުމީ ދިފާޢީބާރާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ސިފައިންގެ ގާނޫނު އިސްލާހުކޮށް ސިފައިން ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކޮށް ނޭޝަނަލް ސެކުއިރިޓީ ގާނޫނެއް ގާއިމް ކުރުމާއި، އެމްއެންޑީއެފްގެ އިދާރީ ހިންގުމާއި އިންޓެލިޖެންސް އަދި އޮޕަރޭޝަން ކަންކަމަށް ބޭނުންވާ އެންމެހާ އުސޫލުތަކާއި މިހާރު އެކުވަލާފައިވާ އުސޫލުތަކާއި ޕްލޭންތައް އަދާހަމަކުރުން ހިމެނެއެވެ.

އޭގެ އިތުރުން ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިހްތިސާސްތައް މުރާޖައާކޮށް އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ފުލުހުންގެ ޚިދުމަތް އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިދާރާތަކުގެ މެދުގައި ޙިއްސާ ކުރާނެ ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ހިމަނާފައިވެއެވެ. އޭގެ އިތުރުން އިންޓެލިޖެންސް އެއްކުރުމާއި ބެލެހެއްޓުމާއި، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ރައްކާތެރިކަމާ އެކު ބަދަލު ކުރެވޭނެ ގޮތަށް އިދާރާތަކުގެ މެދުގައިވާ ފުށު އެރުންތައް ނައްތާލުން ވަކިކޮށް ބަޔާންކޮށް ނޭޝަނަލް އިންޓެލިޖެންސް އެކްޓްއެއް އެކުލަވާލުން ހިމެނެއެވެ.

50 އަށްވުރެގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް 241 ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ. މި ރިޕޯޓް 241 ކޮމެޓީން ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގަތް 13 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓްގައި އެ ރިޕޯޓް އާންމު ކުރާނީ އެ ބައިތައް އުނިކުރުމަށް ފަހުގައެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނޭ ކަމަށް ކޮމެޓީގެ މުޤައްރިރު އަސްލަމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން