އަލީ ރަމީޒު ބިން ގާސިމް
އަލީ ރަމީޒު ބިން ގާސިމް
އިސްލާމްދީނުގައި ކުޑަވެސް ފުރުސަތެއް އޮތްނަމަ ލަވަކިޔުމާއި މިއުޒިކް ކުޅުން ހުއްޓާނުލާނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ކުޅަދާނަ ކުރީގެ ލަވަކިޔުންތެރިޔާ އަދި މިހާރު ޖަމިއްޔަތުލް ސަލަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު މިހެން ވިދާޅުވީ، ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފްގެ އަނބިކަބަލުން ނަޒޫ ނަސީމް ލަވަކިޔުން ހުއްޓާނުލެވޭނެ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓަކަށް ރައްދުދެމުންނެވެ. އަލީ ރަމީޒު ވިދާޅުވީ، މިއުޒިކް ކުޅުމާއި ލަވަ އަޑުއެހުމަށް ކުޑަވެސް ފުރުސަތެއް އޮތްނަމަ އެކަން ހުއްޓާނުލީސް ކަމަށެވެ.

"މިއުޒިކް އަޑުއެހުމާއި އެފަދަ ކަންތައްތަކުން ދުރުވުމުގެ ހެއު ތައުފީގު މާތް ﷲ ތިބާއަށް ދެއްވާށި!" ނަޒޫ އަށް ހެއު ދުއާ ކުރައްވަމުން އަލީ ރަމީޒު ވިދާޅުވިއެެވެ.

ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަދި ޗީފް އެގްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓް ނަޒޫ ނަސީމް ވިދާޅުވީ، ލަވައަޑުއެހުން ހުއްޓާނުލެވޭނެ ކަމަށެވެ. އަދި އޭނާ އަޑުއަހާ ލަވައަކުން އެހެން މީހެއްގެ ކަންފަތަށް ހިތަށް އުނދަގުލެއް ނުވާނެ ކަމަށް ނަޒޫ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލާފައިވަނީ 2003 ވަނަ އަހަރުއެެވެ. އަލީ ރަމީޒަކީ ރާއްޖޭގައި ލަވަކިޔުމުގެ ދާއިރާގެ އޭރުގެ "ރަސްގެފާނު" ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ލަވަކިޔުން ހުއްޓާލުމަށްފަހު އަލީ ރަމީޒު މިހާރު މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އުފައްދާފައިވާ ޖަމިއްޔަތުލް ސަލަފުގައެެވެ. އެޖަމިއްޔާގެ ދީނީ ޕްރޮގުރާމްތައް ހުށައަޅުއްވައި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކި ޕްރޮގުރާމްތަކުގައި އަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަަވައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މަދަޙަ ވިދާޅުވެ މަދަހަ ސީޑީތަކެއް ވެސް އަލީ ރަމީޒު ވަނީ ނެރުއްވާފައެވެ. އަލީ ރަމީޒު ވަނީ މީގެ އަހަރުތަކެއް ކުރިން އިމާމު ކޯސް ވެސް ފުރިހަމަ ކުރައްވާފަައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފާތުން

09-Jul-2021

ޔެސް, ޔު އާ ރައިޓް



ޓްރެންޑިން