ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާ ދިނުމުގެ ބޭނުން ނުވަތަ މޯޓިވާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާކަން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި މިއަދު ވަނީ އާންމުކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ސެކިއުރިޓީ ދެމުންދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި ހަމަލާ ދިނުމުގެ ބޭނުން (މޯޓިވް) އާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައި ނުވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެެ.

މަޖިލީހުގެ 241 ކޮމެޓީގެ ރިޕޯޓްގައި ބުނީ ތްރެޓް ލެވެލް ކްރިޓިކަލް ކަމުގައި އެމްއެންޑީއެފުން ކަނޑައަޅާފައިވާ ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާއެއް ދިނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްފައިވާ ސައިކަލެއް ގޮއްވާލައިގެން ކަމަށެވެ. އެ ހަމަލާ ދިނީ އެމްއެންޑީއެފުން ރައީސް ނަޝީދަށް ދެމުންދިޔަ ސެކިއުރިޓީ ފޫއަޅުވާލާފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އިންކުއަރީއަށް އެއްކުރެވުނު މައުލޫމާތު އަލީގައި ރިޕޯޓްގައި ބުނެފައިވާގޮތުން ޓެރަރިސްޓް ހަމަލާއެއް ދެވޭނީ ތިން ކަމެއްގެ ފުރިހަމަ ވެގެންނެވެ. އެއީ ނިޔަތް ނުވަތަ "އިންޓެންޓް" އާއި ގާބިލްކަން ނުވަތަ "ކޭޕަބިލިޓީ" އަދި ޓާގެޓާއި ހަމައަށް ދެވުން ނުވަތަ "އެކްސެސް" ލިބުން ކަމަށް ރިޕޯޓްގައި ބުނެ އެވެ. މިކަންކަމަށް ބަލާއިރު ޓެރަރިސްޓް ހަމަލާއެއް ދޭން ބޭނުންވާ ބަޔަކަށް ބޭނުންވަނީ ރައީސް ނަޝީދާ ހަމައަށް ދެވޭނެ ގޮތެއް ނުވަތަ އެކްސެސް ލިބުން ކަަމަށާ އަދި ރަައީސް ނަޝީދަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް އޭރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އެކްސެސް ހުއްޓުވުން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްތައް ފުލުހުންގެ އެހީތެރިކަން ހޯދައިގެން ކްލިއާކޮށް ސްވީޕްކޮށް "އިލެކްޓްރިކް ކައުންޓާ މެޝާޒް" ފަދަ ވަސީލަތްތައް ބޭނުންކުރިނަމަ މެއި ހައެއްގެ ޓެރަރިސްޓް ހަަމަލާ ދިނުމުގެ ފުރުސަތު ކުޑަކުރެވުނީސް ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

50 އަށްވުރެގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް 241 ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް ހިއްސާ ކުރުމަށް ވަނީ ނިއްމާފައެވެ. މި ރިޕޯޓް 241 ކޮމެޓީން ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގަތް 13 މެންބަރުންގެ އިއްތިފާޤުންނެވެ.

241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ސިފައިން ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކުރާ ގާނޫނެއް އެކުލަވާލުމަށް ވަނީ ލަފާދީފައެވެ.

ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ޤައުމީ ދިފާޢީބާރާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ސިފައިންގެ ގާނޫނު އިސްލާހުކޮށް ސިފައިން ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކޮށް ނޭޝަނަލް ސެކުއިރިޓީ ގާނޫނެއް ގާއިމް ކުރުމާއި، އެމްއެންޑީއެފްގެ އިދާރީ ހިންގުމާއި އިންޓެލިޖެންސް އަދި އޮޕަރޭޝަން ކަންކަމަށް ބޭނުންވާ އެންމެހާ އުސޫލުތަކާއި މިހާރު އެކުވަލާފައިވާ އުސޫލުތަކާއި ޕްލޭންތައް އަދާހަމަކުރުން ހިމެނެއެވެ.

އޭގެ އިތުރުން ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިހްތިސާސްތައް މުރާޖައާކޮށް އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ފުލުހުންގެ ޚިދުމަތް އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިދާރާތަކުގެ މެދުގައި ޙިއްސާ ކުރާނެ ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ހިމަނާފައިވެއެވެ. އޭގެއިތުރުން އިންޓެލިޖެންސް އެއްކުރުމާއި ބެލެހެއްޓުމާއި، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ރައްކާތެރިކަމާއެކު ބަދަލު ކުރެވޭނެ ގޮތަށް އިދާރާތަކުގެ މެދުގައިވާ ފުށު އެރުންތައް ނައްތާލުން ވަކިކޮށް ބަޔާންކޮށް ނޭޝަނަލް އިންޓެލިޖެންސް އެކްޓްއެއް އެކުލަވާލުންވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް ފާސްކުރުމަށް މިރޭ 8 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން