ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު ހަމަލާދިނީ ކޮން ސަބަބަކާއި ހުރެކަމެއް އަދި އެކަމަށް ހަރަދުކުރީ ކޮންބައެއްކަން ފުލުހުންނަށް މިހާތަނަށް ހޯދިފައި ނުވާކަމަށް 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ވަނީ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި ރިޕޯޓްގައި ވަނީ މިހާތަނަށް އާއްމުންނަށް ނޭނގޭ ގިނަ މައުލޫމާތުތަކެއް ހިމަނާފައެވެ.

ރިޕޯޓުގައިވާ ގޮތުން ނަޝީދަށް ހަމަލާ ދީފައިވަނީ ހަރުކަށި ފިކުރުގެ މީހުންނެވެ. އަދި އެމައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީވެސް ހަރުކަށި ފިކުރުގެ މީހުންނެވެ. ނަމަވެސް މަޖިލީހުގެ ރިޕޯޓް އިއްޔެ ނެރުމާއި ހަމައަށްވެސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު ހަމަލާ ދިނީ ކޮން ސަބަބަކާއި ހުރެކަމެއް އަދި އެކަމަށް ހަރަދުކުރީ ކޮންބައެއް ކަމެއް ފުލުހުންނަށް ހޯދިފައި ނުވާކަމަށް އިންކުއަރީ ރިޕޯޓްގައިވެއެވެ.

އިންކުއަރީ ރިޕޯޓްގައިވާ ގޮތުން ރައީސް ނަޝީދުގެ ތްރެޓް ލެވަލް ނާޒުކު ފައްތަރެއްގައި އޮތްއިރު، އެމަނިކުފާނަށް ދޭ ސެކިއުރިޓީ ވަރުގަދަކުރަންޖެހެއެވެ. އަދި އެގޮތަށް އަމަލުތައް ބަހައްޓައިގެން ކަންކަން ކުރިނަމަ، 6 މޭގެ ހަމަލާ ދިނުމުގެ ފުރުސަތު ހަނިކުރެވުނީސްކަމަށް ރިޕޯޓްގައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓް ވަނީ ދައުލަތުގެ 3 ބާރުގެ އެންމެ އިސްވެރިންނަށް ފޮނުއްވާފައެވެ. އަދި އެ ރިޕޯޓުގައި މަޖިލީހުން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން