ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭކަމަށްބުނެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ދިން މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާނުކުރި ސަބަބު ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ ހާމަކޮށްދެއްވައިފިއެވެ.

މިދިޔަމޭ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން، އެފަދަ ހަމަލާއެއް ބަޔަކު ދޭން އުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއާ ފޯނުން ގުޅުއްވައި ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓުގައި ވަނީ މާރިއާއާއި އިލްޔާސް ލަބީބާއި ދެމެދު ހިނގި މުއާމަލާތުގެ ތަފްސީލާއި، އެކަމާއި ގުޅިގެން އެ ދެ ބޭފުޅުން ދެއްވި ޖަވާބުތައް ހިއްސާ ކޮށްފައެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ މާރިއާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސް ލަބީބު އެކަމަނާއާ ފޯނުން ގުޅުއްވައި 4 މޭގައި ހިއްސާ ކުރެއްވި ކަމަށެވެ. ނަމަވެސް އެމައުލޫމާތު ކަމާބެހޭ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރައްވާ ކަމަށްވެސް މާރިއާ ވިދާޅުވިއެވެ. އެމައުލޫމާތު ކަމާބެހޭ ފަރާތަކާއި ހިއްސާނުކުރެއްވީ އެއީ ގާނޫނީގޮތުން އެކަމަނާ ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުފުޅު ނުކުރައްވާތީކަމަށްވެސް މާރިއާ ކޮމިޓީއަށް ދެއްވާފައިވާ މައުލޫމާތުގައި ވިދާޅުވެފައިވެއެވެ. މާރިއާ ވިދާޅުވެފައި ވަނީ، އެމައުލޫމާތަކީ އިލްޔާސް ލަބީބު ފުލުހުންނާއި ހިއްސާކުރަންޖެހޭ މައުލޫމާތެއް ކަމަށެވެ.



މީގެއިތުރުން މާރިއާ ވިދާޅުވެފައިވަނީ، އިލްޔާސް ލަބީބްގެ ފަރާތުން ލިބުނީ ފޯނު ކޯލެއްކަމަށާއި، އެއީ މައުލޫމާތެއް ނޫންކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އިލްޔާސް ގާތުގައި އެދިވަޑައިގެންނެވި ކަމަށް މާރިއާ ވިދާޅުވެފައިވެއެވެ. ނަމަވެސް ފުލުހުންނާއި މައުލޫމާތު ހިއްސާކުރުމަށް މާރިއާ ވިދާޅުނުވާކަމަށް ބުނެ އިލްޔާސް ވަނީ ކޮމިޓީއަށް މައުލޫމާތު ދެއްވާފައެވެ.

މާރިއާ މިހެން ވިދާޅުވިޔަސް، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިޒަމާ ގުޅުންހުރި މުހިއްމު މައުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ތެރެއިން ލިބިއްޖެނަމަ، ލަސްނުކޮށް އެމައުލޫމާތެއް ކަމާއި ގުޅޭ އިންޓެލިޖެންސް އިދާރާއަކާއި ހިއްސާކުރަންޖެހޭނެއެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމުން، އެމައުލޫމާތު ޑިފެންސް އިންޓެލިޖެންސް ސަރވިސްއާ ހިއްސާނުކުރީ ކީއްވެތޯ ސުވާލުކުރުމުން، މާރިއާ ވިދާޅުވެފައިވަނީ މައުލޫމާތު ލިބުނުއިރު ވެސް ރައީސް ނަޝީދުގެ ތްރެޓް ލެވަލް ހުރީ "ކްރިޓިކަލް"ގައި ކަމަށާއި، އެމައުލޫމާތު ހިއްސާކޮށްގެން ރައީސް ނަޝީދުގެ ތްރެޓް ލެވަލް އިތުރަށް މަތިނުކުރެވޭނެކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހިއްސާނުކުރީކަމަށް މާރިއާ ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓްގައި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ފަރާތުން ލިބުނު މައުލޫމާތަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް ފިޔަވަޅު އަޅަންޖެހޭ މައުލޫމާތުތައްކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ. އަދި މިއީ އަޅާނުލައި ދޫކޮށްލަންޖެހޭ މައުލޫމާތުތަކެއް ނޫންކަމަށް ޑިފެންސް މާހިރުންވެސް ވިދާޅުވެފައިވާކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން މިމައުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ފޯރުކޮށްދިންނަމަ، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްތައް ކުރެވުނީސްކަމަށްވެސް ޑިފެންސް މާހިރުންނާއި ހަވާލާދީ ރިޕޯޓްގައި ބުނެފައިވެއެވެ.

241 ކޮމިޓީގެ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމުންވެސް އެކަމާއި މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން