ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްޕުޅަށް އެމްޑީޕީ ތެރެއިން ބަޔަކު ހުރަސް އަޅަމުންދާކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް މިހެން ވިދާޅުވި ސަބަބެއް ކަނޑައެޅިގެން ނޭނގުނު ނަމަވެސް، މިދުވަސްވަރަކީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި، ރައީސް ސާލިހުގެ މަސައްކަތްޕުޅަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ފާޑު ވިދާޅުވަމުން ގެންދަވާ ދުވަސްވަރެކެވެ. ހާއްސަކޮށް މަޖިލީހުގެ ތެރޭގައި ރައީސް ސާލިހަށް އަމާޒުވަމުންދާ ފާޑު ކިޔުންތައް ގިނަކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރެއްކަމަށްވާ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ރައީސް ޞާލިހު ކުރައްވާ މަސައްކަތްޕުޅު ހުއްޓުވުމަށް އެމްޑީޕީގެ ތެރެއިން ވަރަށް ނުފޫޒުގަދަ ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެއީ ވަރަށް ހިތާމަހުރި ކަމެއްކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.



ޝަރީފް ވިދާޅުވީ އައު ވިސްނުންތަކާއި އީޖާދުތަކުގެ ތެރެއިން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް އެމްޑީޕީގެ ވަރަށް ބާރުގަދަ މަޖިލިސް މެމްބަރުން ހުރަސް އެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސް ސާލީހުގެ މަސައްކަތްޕުޅަށް އެމްޑީޕީގެ ތެރެއިން ބަޔަކު ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ޝަރީފް ތުހުމަތުކުރެއްވިއިރު، ސަރުކާރުން ހުށަހަޅާ ބައެއް ބިލުތަކަށް އެމްޑީޕީގެ ތެރެއިން ފާޑު ކިޔުން އަމާޒުވާ މަންޒަރުވެސް މިހާރު ދަނީ ފެންނަމުންނެވެ. އަދި ބައެއް މުހިއްމު ބިލުތަކަށް ވޯޓަށް އަހާ ވަގުތު ކޯރަމް ހަމަނުވުމުގެ މައްސަލަވެސް ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީ ސަރުކާރަށް ދަނީ ކުރިމަތިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން