ރައްޔިތުންގެ މަޖިލީހަށް މިވީހާތަނަށް އެއްވެސް ސިއްރެއް ހިފެހެއްޓިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީ ރިޕޯޓް މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރުމާއެކު އެރިޕޯޓްގައި ހިމެނޭ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ސިއްރު މައުލޫމާތުތައް ވަނީ  ހާމަވެފައެވެ.

އެކަމާ ގުޅިގެން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ އެމްއެންޑީއެފާއި ފުލުހުން ރައްޔިތުންގެ މަޖިލީހަށް ގައުމީ ސަލަމާތާއި ގުޅުންހުރި ސިއްރު މައުލޫމާތުތައް ނުދެވޭ ސަބަބަކީ އެއީ ކަމަށެެވެ. މިހާތަނަށް އެއްވެސް ސިއްރެއް މަޖިލީހަށް ނުހިފެހެއްޓޭ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

"މަޖިލިސްގެ ބައެއް މެމްބަރުންނަށް އަޑުއިވެނީ އެމެރިކާ ފަދަ ތަންތާގައި ޑިފެންސާއި ސެކިއުރިޓީއާއި ބެހޭ ކޮމެޓީ އޮންނަކަން، އެމްއެންޑީއެފާއި ފުލުހުންނަށް މަޖިލީހަށް މައުލޫމާތު ނުދެވޭ ސަބަބަކީ މިއީ، މިހާތަަނަށް މަޖިލީހަށް އެއްވެސް ސިއްރެއް ނުހިފެހެއްޓޭ." މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިންކުއަރީ ރިޕޯޓް އާންމުކުރުމާއެކު ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމާ ގުޅުންހުރި އެތައް މައުލޫމާތަކާއި ހައި ސެކިއުރިޓީ މީހުންނަށް ސެކިއުރިޓީ ދިނުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި އެ މައުލޫމާތު ބޭނުންކުރާ ގޮތްފަދަ އިންކްއަރީ ރިޕޯޓްގައި ހިމެނޭ އެތައް މައުލޫމާތެއް ވަނީ ހާމަވެފައެވެ. އެގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ސާވިސް މަސައްކަތް ކުރާގޮތާއި، ދިވެހި ސިފައިންގެ ޑިފެންސް އިންޓެލިޖެންސް ސާވިސް މަސައްކަތްކުރާ ގޮތުގެ ތަފްސީލީ މައުލޫމާތުވެސް ލީކް ކޮށްލާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީއަށްފަހު އާންމުކުރި އިންކުއަރީ ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ލީކުވި މައްސަލައިގައި އެކޮމެޓީގެ ބަހެއް އަދި ނުލިބެއެވެ. އަދި މިކަމާ ބެހޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން ބަހެއް ނުބުނެއެވެ. މަޖިލީހުން މި ރިޕޯޓް އެކުލަވާލި ގޮތަށް ހިއްސާ ކުރީ ދައުލަތުގެ ތިންބާރުގެ ވެރިންނާ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން