ކ-ވ މިނިސްޓަރު މާރިޔާ ދީދީ، އަދި މެމްބަރު އަހުމަދު ޝިޔާމް
ކ-ވ މިނިސްޓަރު މާރިޔާ ދީދީ، އަދި މެމްބަރު އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިހްމާލުވެވަޑައިގެންފައިވާކަން އިންކުއަރީ ރިޕޯޓުން ހާމަވުމާއެކު އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އެމްޑީޕީން މަޖިލީހަށް ހުށައަޅަންޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންކްއަރީ ރިޕޯޓާއެކު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިހުމާލު އޮތްކަން ރިޕޯޓުން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހުށައަޅަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ނޫނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއޮތް މަޖިލީހުން ކަމެއް ކުރިކަމަށް ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ހަަމަލާގެ ކުރިން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ފަރާތުން ލިބުނީ ފޯނު ކޯލެއްކަމަށާއި، އެއީ މައުލޫމާތެއް ނޫންކަމަށް އިންކްއަރީ ރިޕޯޓުގައި މާރިޔާ ވިދާޅުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މަޖިލީހުގެ މެމްބަރަކު ދެއްވި މައުލޫމާތާއި ގުޅިގެން ޑިފެންސް މިނިސްޓަރުގެ ޒިންމާ އަދާނުކުރާކަން މި ރިޕޯޓުން އެބައެގޭ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މި އިންކްއަރީ ރިޕޯޓާއެކު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ނޯ ކޮންފިޑެންސް ވޯޓް މިތަނަށް ވަންނަންޖެހޭނެ އިއްޒަތްތެރި ރައީސް، އެހެން ނޫނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެގެން ކަމެއް ކުރި ކަމަކަށް ނުވާނެ އަޅުގަނޑުމެން ނުޖެހޭ އާދޭސް ކުރާކަށް މިރިޕޯޓު ތަންފީޒު ކޮށްދޭށޭ ކިޔާފައި، އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައް އެބަހުރި" ޝިޔާމް ވިދާޅުވިއެވެ.

މަޖިލީހުގެ އިންކްއަރީ ކޮމިޓީ ރިޕޯޓްގައި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ފަރާތުން ލިބުނު މައުލޫމާތަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް ފިޔަވަޅު އަޅަންޖެހޭ މައުލޫމާތުތައްކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ. އަދި މިއީ އަޅާނުލައި ދޫކޮށްލަންޖެހޭ މައުލޫމާތުތަކެއް ނޫންކަމަށް ޑިފެންސް މާހިރުންވެސް ވިދާޅުވެފައިވާކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މިމައުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ފޯރުކޮށްދިންނަމަ، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްތައް ކުރެވުނީސްކަމަށްވެސް ޑިފެންސް މާހިރުންނާއި ހަވާލާދީ ރިޕޯޓްގައި ބުނެފައިވެއެވެ. 241 ކޮމިޓީގެ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމުންވެސް އެކަމާއި މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

މި ރިޕޯޓާއެކު މާރިޔާ މަގާމުން އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން