މިއަހަރުގެ ހައްޖު ދުވަހަކީ މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން އިއުލާންކޮށްފި އެވެ.

ސައުދީ ސަރުކާރުން ބުނީ ހަނދު ފެނިފައިނުވާތީ މާދަމާއަކީ ޒުލްޣައިދާ މަހުގެ ފަހު ދުވަހުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާ ކަމަށެވެ. ސައުދި އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅާފައިވަނީ ޒުލްޣައިދާ މަހުގެ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށެވެ. ހައްޖު މަހުގެ އެއްވަނަ ދުވަހަަކީ އާދިއްތަ ދުވަހެވެ. ހައްޖު ދުވަހަކީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތަށް ހަމަޖެހުމާއި ގުޅިގެން އަޟުހާ އީދު ދުވަހަށް ވާނީ މިމަހުގެ 20 ވަނަ ދުވަހެވެ. އީދު ދުވަސް މިފަހަރު ދިމާވަނީ އަންގާރަ ދުވަހާއެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲ ހުރުމަތްތެރިކުރައްވާފައިވާ ދުވަސްތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ދުވަސްތަކެކެވެ. އެ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

ކަލަންޑަރާއި ދިމާ ނުވިނަމަވެސް ހައްޖު ދުވަހުގެ ގޮތުގައި މީގެކުރިން ރާއްޖޭގައިވެސް ބަލަނީ ސަޢުދީ ސަރުކާރުން ކަނޑައަޅާ ދުވަހެކެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ސައުދީގައި މިވަގުތު ތިބި ބަޔަކަށް ނޫނީ ހައްޖުވުމުގެ ފުރުސަތު ނުދޭގޮތަށް ނިންމައި ސައުދީ ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެެވެ. ސައޫދީ ސަރުކާރުން ހާމަކުރާގޮތުގައި މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީވެސް 60،000 އަށްވުރެ މަދު އަދަދެއްގެ ބަޔަކަށެވެ. މިިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ލިބުނީ 10،000 މީހުންނަށް ކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީއަށް ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން