4 ފުރޮޅުލީ ވެހިކަލް ޕާކްކުރުމަށް މާލެ ސިޓީގެ އެކި ސަރަޙައްދުތަކުން 211 ޖާގަ ހުޅުވާލައިފިއެވެ.

މި 211 ޖާގަ މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާފައިވަނީ މާލޭގެ 10 ސަރަޙައްދަކުންނެވެ. އަދި މި ޖާގަތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްފައިިވާ ޕާކިން ސްލޮޓްތަކެއްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ،މި ޖާގަތައް ދޫކުރެވޭނީ 350 ކިލޯގެ ޕިކަޕް، ކާރު، ވޭން ޕާކް ކުރުމަށް ކަމަށެވެ.

އެންމެ ގިނަ ޖާގައަށް ހުޅުވާލާފައިވަނީ ހެންވޭރު ސަލްމާން މިސްކިތު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ޕާކިންގ ޒޯންތަކުންނެވެ. އެ ސަރަޙައްދުން 58 ޖާގަ ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މއ. ވައިދެރިހިނގުން (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) ސަރަޙައްދުން 44 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މިފަހަރު ޖާގަތައް ކުއްޔަށްދޭން ނިންމީ މއ. ރާދަފަތިހިނގުމުން 21 ޖާގަ، މއ. ކުރެދިގޯޅިން 10 ޖާގަ، މއ. ހުދުފަޅުހިނގުމުން 8 ޖާގަ، މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ، ޞަލާޙުއްދީން ޕާކިންގ ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ އެވެ.

ސިޓީ ކައުންސިލުން ވަނީ ހަމައެކަނި ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް 24 ޖާގައެއްވެސް ޚާއްސަކޮށްފައެވެ. މި ސްލޮޓްތައް ދިނުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ޕާކިންގ ހިމެނޭ ސަރަޙައްދުން ޗައިނާ އެމްބަސީ ކުރިމަތިންނެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މި 211 ޒޯނަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 18ގެ ނިޔަލަށް ހުޅުވާލާފައިވާއިރު 18 ޖުލައި 2021ގެ 14:00 ގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު، އައި.ޑީ ކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދިފައިވެއެެވެ. އަދި ޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން