ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށެވެ. އަދި މިއަދުވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ ފާއިތުވި ދެ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުންކަމަށެވެ. އަދި މިއަދުވެސް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭކަމަށާއި، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އެލާޓްވެސް ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.



ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، އަދި މިދުވަސްވަރަކީ ޢީދު ޗުއްޓީއާއެކު ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެއްކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންނާއި، އެމް.އެން.ޑީ.އެފުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވާރޭ ވެހި ފެންބޮޑުވުމާއި، އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއްކަމުން ގޭގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން