އަހުމަދު މަސްނޫމް   10 ޖުލައި 2021 - 16:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރު ކުރެއްވި އިންކުއަރީ ރިޕޯޓް ލިބިފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާނެކަމަށް ވިދާޅުވި އިންކުއަރީ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށް އެންމެނަށް ފެންނާނެހެން އާއްމުކުރި ރިޕޯޓެއް ފެނިފައިވާކަމަށާއި، އެ ރިޕޯޓް ދިރާސާކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް އާއްމުކޮށްފައިވާއިރު، އެރިޕޯޓުން ބައެއް ބައިތައް ވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ބަލައި އުނިކޮށްފައެވެ. ނަމަވެސް އެއްވެސް މައުލޫމާތެއް އުނި ނުކުރާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ރައީސް، އަދި އުއްތަމަ ފަނޑިޔާރަށް ފޮނުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރިޕޯޓުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު، މަޖިލީހުން ވަނީ ދައުލަތުގެ މުއައްސަސާތަކަށް ގިިނަ ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް ރިޕޯޓާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން