އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތަށް ކައުންސިލްތަކުން ފޮނުވަންޖެހޭ މައުލޫމާތު ފޮނުވުމަށް މިނިސްޓްރީ އޮފް ފިނޭންސުން ކައުންސިލްތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ފޮނުއްވި ސަރކިއުލަރއެއްގައި ވަނީ ބަޖެޓް ތައްޔާރުކުރަން ބޭނުންވާ މައުލޫމާތު އޯގަސްޓްމަހުގެ 31 ގެ ނިޔަލަށް ފޮނުވުމަށް އަންގާފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ފިނޭންސްގެ ސަރކިއުލަރގައި ބުނީ ކައުންސިލުތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލުތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި މި އުޞޫލުގައިވާގޮތުގެ މަތިން ކައުންސިލުތަކުގެ ބަޖެޓުގެ މަޢުލޫމާތުތައް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާ މަރުހަލާގައި، މަޖިލީހާ ހިއްސާކުރުމަށް ޤަޞްދުކުރާކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ސަރކިއުލަރގައިވާ ގޮތުން ބަޖެޓާގުޅޭ މަޢުލޫމާތުތައް ހިއްސާކުރަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމެޓްތަކާ އެއްގޮތަކަށެވެ. އަދި ބަޖެޓް ތައްޔާރުކުރާއިރު ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި، ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑުގެ އިތުރުން ކައުންސިލްތަކަށް ލިބޭ އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ބަޖެޓުން ޚަރަދުކުރުމާއި، އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ބީލަންތައް އިއުލާންކުރުންފަދަ ބާރުތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން