ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު، އެ ޕާޓީގެ އެންމެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވުމަކީ ވަރަށް ގޯސް ހަޑިކަމެއް ކަމަށް ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކުން ގެނެސްދިން އޮންލައިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރީޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ގޮވާލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަމަކީ ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް ޕީޖީ ގުރޫޕްގެ މެމްބަރުންނަށް މިހާރު އަންގަވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތަށް އެންގެވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ވަޓްސް އަޕްސް ގުރޫޕްގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައީސާ ދިމާލަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ތެރެއިން އިސްތިއުފާއަށް ގޮވައި، އެމަނިކުފާނަށް ހަޑި، ގޯސް ވާ ގޮތަށް ވާހަކަ ބައްޓަންވެގެން ނުވާނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ "ގަޓް" ނެތް ކަމަށާއި، ކެބިނެޓް އުވާލާ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ ގޮވާލައްވާފައެެވެ. އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކެބިނެޓް އުވާލައި ރައީސްގެ އިސްތިއުފާއަށް ގޮވާލެއްވީ، މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅުއްވާފައިވާ ބިލްގެ ބަހުސްގައި ވާހަކަ ދައްކަަވަމުންނެވެ.

ބޮންޑެ ވިދާޅުވީ އެބިލަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލަން ސަރުކާރުން ހުށައެޅި ބިލެއް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އެއްވެސް އިތުބާރެއް ނެތް ކަަމަށާއި އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ބޮންޑެ ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން. އަޅުގަނޑު އެދެން ކެބިނެޓް އުވާލަން. އަޅުގަނޑު އެދެން މިވަރުގެ ކަމެއް ކޮށްފައި ފަހަތަށް ޖެހުނީމަ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން އަޅުގަނޑު އެދެން ހަމަ. އެއީ އެހާ ގަޓެއް ނެތީމަ. މިއީ ވަރަށް ނުބައި ދަލެއްގައި މި ޖެއްސީ." ބޮންޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން ޕާޓީން ވަކިކުރަންޖެހޭ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެޕާޓީން ރަސްމީކޮށް މި މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން