ރާއްޖޭގައި މިހާރު ވެރިކަންކުރާ މައި ޕާޓީ އޮތީ ހަތަރު އަނގޮޅިކަންމަތީގައި ކަމަށާއި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެކުގައި މަސައްކަތްޕުޅު ކުރައްވާތަން ފެނިވަޑައިގެންނެވުމަކީ ކުރަށްވާ އުއްމީދެއް ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކާއި ރައީސް ސޯލިހުގެ ފެކްޝަނެއް އުފެދި ދެފެކްޝަންގެ މެންބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް މަޖިލީހުގައިވެސް ވަނީ ބަދަލުކޮށްފައެވެ. ދާދިފަހުން ރައީސް، މުހަންމަދު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވައި 2023 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓްގައި ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ.

ރާއްޖޭގައި މީޑިޔާއަކުން ގެނެސްދިން އޮންލައިން ޕްރޮގުރާމެއްގައި ވާހަކަ ދަައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި، ރައީސް މުހަންމަދު ނަޝީދު އެކުގައި މަސައްކަތްޕުޅު ކުރަށްވާތަން ފެނިވަޑައިގެންނެވުމަކީ ވަރަށް ބޮޑު އުއްމީދެެއް ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތެރޭގައި މިހާރު އޮތް ޚިޔާލު ތަފާތުވުންތަކުގެ އަސްލަކީ އެ ދެ ބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަން ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީ މިއަދު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. އަދި އެމްޑީޕީ އޮތީ ދާނެ މިސްރާބެއް ނޭގޭ ހާލަތުގައި ކަމަށް އާޒިމް ވިދާޅުވިއެެވެ.

"ރައީސް ސޯލިހާއި ރައީސް ނަޝީދު މިއަށްވުރެ އެކުގައި މަސައްކަތް ކުރާނެ ދުވަހެއް، ވަގުތެއް ދެކެން ބޭނުން. ވަރަށް އުނދަގޫ ވަގުތެއް އަޅުގަނޑުމެންނަށް އައިސްފައި މިއޮތީ. މަޑުޖެހިފައި ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި އަޅުގަނޑުމެން އަޅާނެ ކޮޅެއް ސީދަލަށް ދާނެ ކަމެއް ނުނިންމިގެން އުޅޭކަހަލަ ގޮތަކަށް ސިޔާސީ ކަންކަން މިވަގުތަށް ފެނިގެން މިދަނީ. މިހާރު އަޅާ ފިޔަވަޅަކީ ދާ ދިމާލަކީ ކުރާ ކަމަކީ ރާއްޖޭގެ މުސްތަގަބަލަށް ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." އެމްޑީޕީ މިހާރު އޮތް ހާލަތު ބަޔާންކުރަށްވަމުން ޕާޓީގެ ޕީޖީ ލީޑަރު އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން