ރައީސް ޔާމީނާއި، އިސް ވަކީލް ޑރ. ޖަމީލް
ރައީސް ޔާމީނާއި، އިސް ވަކީލް ޑރ. ޖަމީލް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިއަދު ފުލުސް އޮފީހަށް ޙާޟިރުކުރީ، މީގެ ކުރިން ތަހުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައިވާ ވ. އާރަށުގެ މައްސަލައިގެ ތަޙުޤީޤަށް ކަމަށް އެމަނިކުފާނުގެ ދިފާޢީ ވަކީލުން ވިދާޅުވެއްޖެއެވެ.

މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީނުގެ ދިފާޢީ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ، ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނާ މައްސަލަގައި ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ، އެ މައްސަލައަކީ މީގެ ކުރިން ތަހުގީގު މުޅިން ނިމި ސޮއިކުރައްވާފައިވާ މައްސަލައެއް ކަމަށާއި، ޕީޖީ އޮފީހަށްވެސް ފޮނުވާފައިވާ މައްސަލައެއް އަލުން ބަލުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާތީ އެކަންބޮޑުވުން ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް، ބޭރު ކުންފުންޏަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ނުވަތަ 15.3 މިލިއަން ރުފިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ބުނާ މައްސަލަ މީގެ ކުރިން ފުލުހުންވަނީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

މިމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިދިޔަ އަންގާރަދުވަހު ފޮނުވާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް ޕީޖީއަށް ފޮނުވާފައިވާއިރު، މިހާރުވެސް އެމަނިކުފާނު ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އިތުރު މައްސަލަތަކެއްގައި ދައުވާކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން