ޤާނޫނީ ވަކީލު އަހުމަދު ޝާންގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ މައްސަލައެއް ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން، ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިމައްސަލައަކީ 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ގދ. ތިނަދޫ ގެސްޓް ހައުސް ކޮޓަރިއަކުން 16 އަހަރުގެ ކުޑަކުއްޖަކާއެކު ފެނިގެން ޝާންގެ މައްޗަށް އުފުލި ދައުވާއެކެވެ.

އެމައްސަލައިގައި އޭނާގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލުމުން، އެ ދައުވާ ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މައްސަލަ ނުބެލޭނެކަމަށް ނިންމީ ޤާނޫނުގައި ބަޔާންކުރާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތްކަމަށް ބުނެއެވެ.

މިމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކުރީ މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދިޔުމުގައި ހެކި ވަޒަން ކުރަން ޖެހޭ ގޮތާ ހިލާފަށް ކަމަށެވެ. އެހެންކަމުން މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ޝާންގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރުގެ ހެކި ހުރި ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ. އަދި މައްސަލައެއް ސާބިތުވާ ވަރަށް ހެކި ނެތް ނަމަވެސް، ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުރިނަމަ މައްސަލަ ބެލޭނެކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.

އެހެންކަމުން ޝާންގެ މައްސަލަ ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި، އަލުން އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް ވަނީ އަންގައިފައެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޤާނޫނީ ވަކީލް ޝާން ސަސްޕެންޑުކުރި ނަމަވެސް، ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުުމުން އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން