ކޯވިޑްގެ ހާލަތާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން އެމްޑަބްލިޔޫއެސްސީގެ ބިލުތަކުން 15 މިިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ޑިސްކައުންޓް ދެވިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޑަބްލިޔޫއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ކޯވިޑާއި ގުޅިގެން އެކުންފުންޏަށްވެސް ދަތިތައް ކުރިމަތިވިކަމަށާއި، ނަމަވެސް މަސައްކަތް ބައްޓަންކުރީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތް މެދުނުކުނޑި ފޯރުކޮށް ދިނުމަށްކަމަށެވެ.

ޝާހު ވިދާޅުވީ ފެން ބިލްތަކުން ޑިސްކައުންޓް ދޭނެކަމަށް ސަރުކާރުން އިއުލާންކުރުމުން، އެކަމާއި ގުޅިގެން 70000 ކަސްޓަމަރުންނަށް 15 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ބިލުތަކުން ޑިސްކައުންޓް ދީފައިވާކަމަށެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީވުމުގެ ގޮތުން ފެން ބިލުން މިދިޔަ އަހަރުވެސް ޑިސްކައުންޓް ދީފައިވެއެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ގެއެއްގެ ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓު އަދި ވިޔަފާރިކުރާ ތަންތަނުގެ ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް މިދިޔަ މެއިމަހު ނިންމައި އެކަން ވަނީ ތަންފީޒުކޮށްފައެވެ.

ފެން ބިލުގެ އިތުރުން ކަރަންޓް ބިލުންވެސް ސަރުކާރުން ވަނީ ޑިސްކައުންޓް ދީފައެވެ. އެގޮތުން ސްޓެލްކޯއާއި ފެނަކައިން ފޯރުކޮށްދޭ ފެނާއި ކަރަންޓުގެ ޚިދުމަތުގެ މެއިމަހުގެ ބިލުން ވެސް ވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް ޑިސްކައުންޓް ދީފައެވެ. އެގޮތުން ސަރުކާރުން ނިންމުމާ އެއްގޮތަށް މެއިމަހުގެ ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތަ ޑިސްކައުންޓެއް ފެނަކައިގެ ކަސްޓަމަރުންނަށް ދީފައިވާއިރު، ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުތަކުން 20 އިންސައްތަ ޑިސްކައުންޓް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން