ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމަށް 300 އެއްހައި ފުލުހުން ތަމްރީނުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިިން ހާމަކޮށްފިއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަމުންދާ މައްސަލަތެއްކަމަށާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމަށް ތަމްރީނު ލިބިފައިވާ ޖުވެނައިލް އޮފިސަރުން އުފައްދާފައިވާ ކަމުގައެވެ. އެގޮތުން ސެންސިޓައިޒޭޝަން ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގާފައިވާނެކަމަށާއި އެ ޕްރޮގްރާމްތަކުން، ފުލުހުންގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން 300 އެއްހައި ފުލުހުން މިހާތަނަށް ތަމްރީނުކޮށްފައިވާ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

އަދި އަލަށް އެކުލަވައިލި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު، ކުޑަކުދިންނާ ގުޅުންހުރި ތަފާތު މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ފުލުހުންގެ ދައުރު ކުރިއަށްވުރެ ފުޅާވެ، އިތުރު ފަސޭހަތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. މީގެއިތުރުން އެ ގާނޫނުތަކަށް ފުލުހުން އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމުގައި ފުލުހުން ބުނެފައިވެއެވެ.

އެގޮތުން، ރިފްރެޝަރ ޕްރޮގްރާމްތައް ހިންގަމުންދާކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފުލުހުންނަަށް ތަމްރީނުދެމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ވެއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއި ޖަމްއިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދައި ފުލުހުން ތަމްރީނު ކުރަމުންދާކަމުގައިވެސް ބުނެފައި ވެއެވެ. މީގެއިތުރުން ޗައިލްޑް ޑާޓާ ބޭސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާ އަދި ޕްރޮޖެކްޓް ގާޑިއަންގެ މަސައްކަތްތައްވެސް ފަށާފައިވާކަމުގައި ފުލުހުން ފާހަގަކޮށްފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމަކީ ކުށެއްކަމަށާއި ކުޑަކުދިން ގްރޫމް ކުރުުމަކީވެސް ކުށެއް ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލައެއް ރިޕޯޓު ކުރާ ހިސާބުން ފެށިގެން އެ ކުއްޖަކަށް ރައްކާތެރިކަން ގާއިމުކޮށްދިނުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށާއި ކައުންސެލިންގ ބޭނުންވާ ކުދިންނަށް ކައުންސެލިން ދިނުން ކުރިއަށް ގެންދާ ކަމުގައިވެސް އެއިދާރާއިން ފާހަގަކޮށްފައި ވެއެވެ.

ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގައި ގާނޫނުގެ އިތުރުން މުޖުތަމައުގެ ދައުރާ އަދި އާއިލާތަކުގެ ދައުރުވެސް މުހިންމުކަމުގައި ފުލުހުން ފާހަގަކުރެއެވެ. އަދި ކުޑަކުދިންނާ ދެކޮޅަށް ހިންގާ ކަންކަމުގައި ކުއްވެރިވާނީ އަނިޔާލިބުނު ކުއްޖާ ނޫންކަމާއި ކުދިން ކުރާ ކަންކަން މައިންބަފައިން ވަރަށް ގާތުން ބަލަންވާނެ ކަމަށާއި މައިންބަފައިންނާއި ކުދިންނާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް ކުއްޖާއާ ގާތްގުޅުމެއް އުފެއްދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން