ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތީ ކަންކަން ފޫއަޅުވާލި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކްއަރީގައި އެކުލަވައިލި ރިޕޯޓާއި އެއްގޮތަށް ފަހަތަށް ޖެހިވަޑައިނުގެން އަވަހަށް މައްސަލަ ބައްލަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

241 ކޮމެޓީން ކުރިއަށްގެންދިޔަ އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީގެ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް މިއަދު ވަނީ އަރުވާފައެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް، މުހަންމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އަރުވާލަފާ، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު ބަލައިގަންނާނެ ކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ދެބޭފުޅުން އަޅުއްވަމުން ގެންދަވާނެ ކަމަަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. ރައީސް ނަޝީދު ވަނީ ރިޕޯޓާއި ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި ބައްލަވަންޖެހޭ އެންމެހައި ކަންކަން އަވަހަށް ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެެވެ.

"އަޅުގަނޑަށް އެގޭ ރައީސުލްޖުމުހޫރިއްޔާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން. އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. ރިޕޯޓާއި ގުޅިގެން ރައީސް އަޅުއްވާންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅުއްވާށޭ އަދި ބައްލަވާން ޖެހޭ ހުރިހާ ކަމެއް އަވަހަށް ބައްލަވާށޭ. ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ހިނގަމުންދާ ކަންކަން އެއީ އަޅުގަނޑުމެން ކަންބޮޑުވާ ބައެއް ކަންތައްތަކުގެ ގޮތުގައި ރިޕޯޓުން އެބަ ފާހަގަވޭ. އެކަންކަން އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭނެ. ރިޕޯޓްގެ ރިކޮމެންޑޭޝަނާއި ލަފާ ރައީސް ހެއު ގޮތުގައި ބަލައިގަނެ އެ މައްޗަށް އަވަހަށް އަމަލުކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެެ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުން ކަންތައް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިިމިވަނީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެއީ އެމަނިކުފާނުގެ ޒާތާ ގުޅޭ މައްސަލައެއް ނޫން ކަމަށެެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ހަމަލާ ދިން މީހުންގެ ހަމަލާ ކާމިޔާބުގެ ތުންފަތް މައްޗަށް ގެންދިޔަ ކަމަށާއި، އެއީ ދިވެހި ރައްޔިތުންވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ ބޮންގޮއްވުމާއި ވެރިންނަށް ފަސޭހައިން ހަމަލާދޭތަނެއް ކަމަށް ދުނިޔެއަށް ފާހަަގަވެއްޖެނަމަ އެކަމުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިިގެން ހިގައިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެތަށް ބައެއްގެ އާމްދަނީ މަދުވެ ވަޒީފާތައް ގެއްލިގެން ހިގައިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލަސްކޮށްފިނަމަ މިއިން ލިބޭނެ ގެއްލުން ވަރަށް ބޮޑު. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ގެއްލުން ވަރަށް ބޮޑު. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައި މިއޮންނަނީ ޓޫރިޒަމްގެ ވިޔަފާރިއަށް. އެވިޔަފާރި ހިގަމުންދަނީ ރާއްޖެއަކީ ސުލްހަވެރިތަނަކަށް އަމާންތަނަކަށް ވާތީ. ރާއްޖޭގެ ގޮނޑުދޮށްތަކާއި ރީތި މޫދުތައް އެރީތިކަން ފެނިގެންދަނީ ހަގީގަތުގައި އެ އަމާންކަން ލިބިފައި އޮންނާތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން