ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބަޔަކު ވަކި ސިޔާސީ ޕާޓީއެއް ހަދަން އުޅުނަސް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރަށްވާކަން މީޑިއާއަށް ވަނީ ތިލަވެފައެވެ. އަދި އެޕާޓީ ރަޖިސްޓްރީ ކުރަން މިހާރުވަނީ ހުށައަޅާފައެވެ.

މިކަމާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދާއިރު، ރަސްމީ ސިފައެއްގައި ގާސިމް އަދި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެއް ނުވެއެވެ. ނަމަވެސް ޖުމްހުރީ ޕާޓީގެ ބައެއް މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި މިކަމުގައި ގާސިމް ދެކެވަޑައިގަންނަވާ ގޮތް ވަރަށް ރަނގަޅަށް ހާމަކުރަށްވާފައި ވެއެވެ. އެގޮތުން އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ހަބަރާއެކު ޖުމްހޫރީ ޕާޓީގެ ޒުވާނުން ގޮފީގައި އުޅުއްވި މޫސާ އަންވަރު ކުރެއްވި ޓްވީޓެއް އެ ގްރޫޕަށްލުމުން ގާސިމް ވަނީ އެކަމުގައި އެމަނިކުފާނުގެ ޚިޔާލުފުޅު އެ ގްރޫޕްގައި ހިއްސާ ކުރަށްވާފައެވެ.

މޫސާ އަންވަރު ހިއްސާ ކުރި ޓްވީޓްގައި ވަނީ، "އަބްދުﷲ ރިޔާޒް ޕާޓީން ވަކިވަނީ، ނާޒިމާއެކު ޕާޓީއެއް ހަދަން" ކަމަށް ބުނާ ޚަބަރެކެވެ. އެކަމަށް އިޝާރާތްކުރަށްވައި ގާސިމް ފޮނުއްވި މެސެޖުގައި ނާޒިމަކީ ކާކުތޯ ވިދާޅުވެ މަލާމާތުގެ ހިނިތުންވުމުގެ ޝުޢޫރުތައް ހާމަކޮށްދޭ ކުރެހުމެއްވެސް ގާސިމް ވަނީ ހިއްސާކުރައްވާފައެވެ.

"ނާޒިމް ވެސް އެއީ ވަކި ކާކު؟" ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމްގެ މެސެޖާއެކު، ޖުމްހޫރީ ޕާޓީން ބަޔަކު ވަކިވިޔަސް އެމަނިކުފާނުގެ ކަންބޮޑުވުމެއް ނެތްކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.

އަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންނެވުމަށް ޕާޓީގެ ލީޑަރަށް ފޮނުއްވި ސިޓީގައި އޭނާ ޖޭޕީން ވަކިވެވަޑައިގަންނަވަނީ އާ ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވަން ބޭނުންވާތީ ކަމަށް ވިދާޅުވެފައި ވެއެވެ. ރިޔާޒް އެ އިޝާރާތް ކުރަށްވާ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ދަނގެތީ ދާއިރާގެ މެންބަރު ނާޒިމާ ރިޔާޒު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން