ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ޤާނޫނަށް ބަދަލުތަކެއް އަޔަސް، އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ އެއްވެސް ފީއެއް ބޮޑު ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީޤު ކުރެއްވުމުން ރާއްޖެއިން ބޭރަށް ފުރާ ހުރިހާ ދިވެހިންގެ އަތުން ނަގާ ފީ ވެސް ބޮޑުވާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ވަޒީރު އެގޮތަށް ވިދާޅުވި ނަމަވެސް ގިނަ ބައަކު ވަނީ މިފަދަ ދަނޑިވަޅެއްގައި ދިވެހީންވެސް ހިމެނޭ ގޮތަށް އެއާޕޯޓުން ބޭރަށް ފުރާ މީހުންގެ އަތުން އިތުރު ޓެކްސްތަކެއް ނެގުމާއި ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމުމުން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއާލައިންތަކުން މިހާރު އިކޮނަމީ ކްލާސް ފިޔަވައި އެތައް ނަމެއްގައި އެކި ފެންވަރުގެ ކްލާސް ހަދައިގެން ޓިކެޓް ވިއްކަމުންދާއިރު އެފަދަ ހުރިހާ ކްލާސްތަކަކަށް މި ޓެކުހުގެ އަސަރު ކުރުމަކީ ދިވެހީންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި މިކަމަށް ފާޑުކިޔަމުން ގެންދާ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

މިފަހަރު ގެނައި އިޞްލާޙުތަކުގެ ތެރޭގައި ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކުހެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ. މީގެ އިތުރުން ވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ވަނީ ނެގުމަށް ނިންމާފައެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި ‏އެއަޕޯޓް ޓެކްސް (އޭ.ޑީ.އެފް އަދި އޭ.އެސް.ސީ) ތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި އިކޮނޮމީ ކްލާހުން ފުރާ ދިވެހިން ނުހިމެނޭނެކަމަށެވެ. އެހެންކަމުން އިކޮނޮމީ ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުވާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ގާނޫނަށް ގެނައި ބަދަލާއެކު، އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްތައް ބޮޑުނުވިނަމަވެސް، އެހެން ކްލާސްތަކުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ފީތައް ބޮޑުވާނެއެވެ.

އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެއްކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، ދައުލަތަށް ހަމައަށް އެ ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއްކަމުގައި ގާނޫނުގަަައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ވެސް މި ގާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މަޢުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ ޢަދަދާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ ޢަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެ ކަމަށް ބިލުގައި ބުނެއެވެ. އަދި، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުން ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން