ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ ގޮޅިތައް މިހާރު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާތީކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ދެ މާރުކޭޓުން 300 އަށްވުރެ ގިނަ ގޮޅި ކުއްޔަށް ދިނުމަށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުގައި ތަރުކާރީއާއި މޭވާ ވިއްކުމަށް 163 ގޮޅި، ހަމަ މިކަމަށް ލޯކަލް މާރުކޭޓުގައި 100 ގޮޅި، މީގެ އިތުރުން ލޯކަލް މާރުކޭޓުގައި ވަޅޯމަސް ވިއްކުމަށް 32 ގޮޅި، ލުއިކާނާއާއި ސޮފްޓް ޕްރޮޑަކްޓްސްއަށް 35 ގޮޅި ވަނީ ހާއްސަ ކޮށްފައެވެ. މީގެ އިތުރުން އިމްޕޯޓް މުދަލާއި ގަޑި، ކަމަރު ވިއްކުމަށް 19 ގޮޅިއެއް ލޯކަލް މާރުކޭޓުގައި ވަނީ ހާއްސަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 2 ވަނަ ދުވަހާއި ހަމައަށްކަމަށެވެ. މިދެ މާރުކޭޓުން ގޮޅިއެއް ދޫކުރާނީ ގޮޅިއެއްގެ ބޮޑު މިނަށް ބަލައި އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުންނެވެ. އަދި މި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ގޮޅިތައް ދޫކުރުމަށް ޕޮއިންޓު ދިނުމުގައި މިހާރުވެސް ގޮޅި ހިންގާ ފަރާތެއް ނަމަ، ގޮޅި ހިންގަމުންދާ މުއްދަތައް ބަލާ، 1 އަހަރު ވެފައިވާނަމަ 15 ޕޮއިންޓް ލިބޭއިރު، ދެއަހަރު ވެފައިވާނަމަ 30 ޕޮއިންޓް ލިބެއެވެ. އަދި 3 އަހަރު ވެފައިވާނަމަ 45 ޕޮއިންޓް ލިބޭނެއެވެ. މީގެ އިތުރުން ގޮޅި ލިބިފައިވާ މުއްދަތުގައި ގޮޅީގައި ހުރެގެން ހިންގާ ފަރާތެއް ނަމަ 30 ޕޮއިންޓް ލިބޭނެއެވެ. އަދި ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ގޮޅި ހިންގާ ފަރާތެއް ނަމަ، 15 ޕޮއިންޓް ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން