އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިނަލްއަގުވާމީ މުޖްތަމައާ ހިއްސާކޮށްފިއެވެ.

މި މައުލޫމާތުތައް ހިއްސާކުރެއްވީ އޯ.އައި.ސީގެ "މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން" ގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ.

މިޞުރުގެ ޤާހިރާގައި މިހިނގާ ޖުލައިމަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ "އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން" (އޯ.އައި.ސީ)ގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަންގެ 8 ވަނަ ސެޝަނަކީ ކޮވިޑް-19 ގެ ހާލަތުގައި އިސްލާމީ ޤައުމުތަކުން އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކުގެ ތެރެއިން، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އިސްލާމީ އެކިއެކި ޤައުމުތަކުގެ ތަޖުރިބާތައް ހިއްސާކުރެވިގެންދިޔައެވެ.

މިނިސްޓީރިއަލް ކޮންފަރެންސްގެ 8 ވަނަ ސެޝަންގައި ވާހަކަދައްކަވަމުން، މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވަނީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން، އޯ.އައި.ސީގެ މެންބަރު ޤައުމުތައް ހިމެނޭގޮތަށް، އެ ޖަމްޢިއްޔާއިން އަލަށް ޤާއިމުކޮށްފައިވާ ވިމަން ޑިވަލްޕްމަންޓް އޯގަނައިޒޭޝަން (ޑަބްލިއު.ޑީ.އޯ)ގެ މިނިސްޓްރީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަންވެސް ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ޖުލައި މަހުގެ 7 ވަނަ ދުވަހަށް މިސުރުގެ ޤާހިރާގައި ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައިވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ޑަބްލިއު.ޑީ.އޯގެ ހިންގުމާ ގުޅޭ މުހިންމު ކަންކަން ނިންމިގެންދިޔައެވެ.

އޯ.އައި.ސީގެ "މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން"ގެ 8 ވަނަ ސެޝަނާ ގުޅިގެން ބޭއްވި ހަވާސާ ބައްދަލުވުން ތަކުގެ ތެރެއިން ޖުލައި 6 ގައި ބޭއްވި "މިނިސްޓީރިއަލް އިންޓަރެކްޓިވް ޑައިލޮގް އޮން އިކޮނޮމިކް އެމްޕަވަރވަމަންޓް އޮފް ވިމަން އިން ދަ ނިއު ނޯރމަލް" ގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ހާލަތުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވަނީ ދިވެހިރާއްޖެއިން ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށާއި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕޭނާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ހާލަތު ބަދަލުވެ، މާލޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވެ ވަޒަންވެރިވާން އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރިއަށްގެންދާ "އަހުލު" ޕްރޮގްރާމާ ބެހޭގޮތުންވެސް ޖެންޑަރ މިނިސްޓަރ މައުލޫމާތު ހިއްސާކުރަށްވާފައި ވެއެވެ.

ޖުލައި 7 ވަނަ ދުވަހު ބޭއްވި އޯ.އައި.ސީގެ ވިމަން ޑިވަލޮޕްމަންޓް އޮރގަނައިޒޭޝަންގެ މެންބަރު ޤައުމުތުގެ މިނިސްޓީރިއަލް ރައުންޑްޓޭބަލްގައިވެސް މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވާހަކަދެއްކެވިއެވެ. މި ބައްދަލުވުމަކީ އޯ.އައި.ސީގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށްކުރާ އެންމެހައި މަސައްކަތްތަކުގައި ޑަބްލިއު.ޑީ.އޯގެ މެންބަރު ޤައުމުތަކުން ކުރާނެ މަސައްކަތްތަކާއި، އ.ދ. ގެ އެކި އެކި ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން ޑަބްލިއު.ޑީ.އޯގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ޑަބްލިއު.ޑީ.އޯގެ މިނިސްޓީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން އަދި އޯ.އައި.ސީގެ "މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން"ގެ 8 ވަނަ ސެޝަނަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ސީނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކުގައި ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން