އިބްރާޙިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް ކުވެއިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

ކުވެއިތު ފަންޑުން ދިން 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެފަންޑުގެ ޑެޕިއުޓި ޑިރެކްޓަރ ޖެނެރަލެވެ.

ކުވެއިތު ފަންޑުން ދިން 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް މިކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.





2016 ވަނަ އަހަރުވެސް އިބްރާޙިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓްގެ އާ ޓާމިނަލް ތަރައްޤީކުރުމަށް ބޭނުންވާ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑް ފޯރ އެރެބް ޑިވެލޮޕްމެންޓާއިއެކު ސޮއިކުރިއެވެ. އެއީ އެއާރޕޯޓް ޓާމިނަލް ފައިނޭންސިންގ ފުރަތަމަ އެއްބަސްވުމެވެ. އަދި އެއާޕޯޓްގެ ޓާމިނަލް ތަރައްޤީކުރުމަށް އޭރު ކުވޭތު ފަންޑުން ދިން ލޯނަކީ އެފަންޑުން އަރަބި ގައުމެއް ނޫން ޤައުމަކަށް ދިން އެންމެ ބޮޑު ލޯނެވެ.

ކުވައިތު ފަންޑުން 1970ގެ އަހަރުތަކުން ފެށިގެން އަންނަނީ ދިވެހިރާއްޖެއަށް ލޯނު، ހިލޭ އެހީ އަދި ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި އެހީ ފޯރުކޮށްދެމުންނެވެ. ކުވައިތު ފަންޑުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދީފައިވަނީ 1976 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއަށް ދޫކޮށްފައިވާ ލޯނަކުންނެވެ. އޭގެފަހުން ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ކުވައިތު ފަންޑުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން