ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް "ފެންކައްކާ ބޮލީގެ އިއްޒަތްދީ" ސަރުކާރުން އެމަނިކުފާނު "ހަވަރަށް" ދެއްވީތޯ ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސުވާލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަމަށް ވިދާޅުވެ އެމަނިކުފާނާއި ދެކޮޅަށް ތެދުވެވަޑައިގެންނެވިކަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާންކުރައްވާފައިވަނިކޮށެވެ.

ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއްދީ ފުރާނަފުޅަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ބަދަލުގައި "ހަވަރަށް" ދިނީތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެމަނިކުފާނަށް "ފެންކައްކާ ބޮލީގެ އިއްޒަތް" ދިނީތޯ އާދަމް ޝަރީފު ވަނީ ސުވާލުކުރައްވާފައެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް ނަޝީދުގެ ފުރިހަމަ އިތުބާރާއި ތާއިދާއެކު ކަމަށް ރައީސް ނަޝީދު ފަހުންވެސް ވަނީ ވިދާޅުވެފައެވެ. އާދަމް ޝަރީފު އެ އިޝާރަތް ކުރައްވަނީ އެކަމަށް ކަމަށް ބެލެވެއެވެ.



" އެމްޑީޕީން ހޯދައިދޭން ބުނި އިންސާފުގެ ރަހަ ރައީސް ނަޝީދަށް ވަރަށް ހިތި." ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީން ބޭނުންކުރި "އިންސާފުގެ ދަތުރަށް" އިޝާރަތް ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސް ސޯލިހާއެކު ސިޔާސީ ގުޅުން ކަނޑާލެއްވިކަން އިއުލާންކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ގޮތުން ރައީސް ޔާމިންގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.

"ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން." އެމްޑީޕީގެ ވަޓްސް އަޕްސް ގުރޫޕަކަށް ރަައީސް ނަޝީދު ފޮނުއްވި މެސެޖްގައިވެއެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައީސް ނަޝީދު ބޭނުންފުޅުވާ ވަކި ކަމެއް އެމަނިކުފާނުގެ މިމެސެޖުތަކުގައި ހާމަ ކުރަށްވާފައެއް ނުވެއެވެެ. ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެކަމުގައި އެޕާޓީއާއި ރައީސް ޔާމިންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން