ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީނާ ބައިވެރިވާންވީ ކީއްކުރަންތޯ ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދަަވައިފިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ހާމަކުރައްވައި، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ބޭނުން ނުވާކަމަށެވެ. ރޮޒައިނާ ވިދާޅުވީ އޭނާ އެމްޑީޕީއަށް ވަނީވެސް ރައީސް ޔާމީންގެ ވެރިކަން ދާނެ ގޮތް އެނގި ވަޑައިގެން، އެކަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރަށްވަން ކަމަށެވެ.



ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރީ ހީކުރިވަރަށް ވުރެވެސް އަނިޔާވެރިކޮށް، ނުބައިކޮށްކަމަށެވެ. އަދި އެކަމުގެ ސަބަބުން ވައްކަން ސާބިތުވެ ރައީސް ޔާމީން ހުރީ ޖަލު ހުކުމެއްގައިކަންވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަދު ރައީސް ޞާލިހާ ދެކޮޅަށް ރައީސް ޔާމީނާ ބައިވެރިވާންވީ ކީއްކުރަންތޯ ރޮޒައިނާ ސުވާލު އުފައްދަވާފައިވެއެވެ.



"ރައީސް ޔާމީނަށް ކާކަށް އިންސާފު ހޯދައިދެވިގެންތޯ؟ ރައީސް ޞާލިހު ގޯހެއް ނޫން. އަނިޔާވެރިއެއް ނޫން. ވައްކަމެއް ނުކުރޭ. ކޯވިޑް ހާލަތުގައިވެސް ޕްރޮޖެކްޓްތައް ހިންގާ. ހަރުކަށި ފިކުރާ އެއްކޮޅަށް ކީއްތޯ ރައީސް ޞާލިހު ކުރެއްވީ. ކޮބައިތޯ މައްސަލައަކީ؟" ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވިއެވެ.



ރައީސް ޞާލިހާ ދެމެދު ސިޔާސީ ފިކުރު ތަފާތުވެ އެމަނިކުފާނާ ދެކޮޅަށް ތެދުވެވަޑައިގެންނެވިކަން ހާމަ ކުރަށްވައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ވެސް ތައްޔާރަށް ހުންނެވިކަން ހާމަކުރަށްވާފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގައި ރައީސް ޔާމީންގެ އެހީތެރިކަން ހޯއްދަވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ނަފުރަތު

16-Jul-2021

އަމައްޔާތް..! ރައީސް ޔާމީން އެބަ އުޅުއްވާތަ ކަލެއާއެކު މަސައްކަތްޕުޅު ކުރައްވާ ހިތްޕުޅުން "ސިކު ވެގެން"..! ސައިޒު އޮޅިގެން ނުތެޅި ހުރެބަލަ..!



ޓްރެންޑިން